ރައީސް އަބްދުﷲ ޔާމީން "ހުއްޓުވުމަށް" އިދިކޮޅު ފަރާތްތަކުން އިންތިޒާމް ކުރާ މުޒާހަރާ މިއަދު މާލޭގައި ފަށާއިިރު މުޒާހަރާއަށް އަތޮޅު ތަކުން މީހުން މާލެ އަރައިފިއެވެ.
މިއަދުގެ މުޒާހަރާއަށް އަތޮޅު ތަކުން މީހުން މާލެ އަރަމުން އަންނަ އިރު ފުލުހުން ވަނީ މިއަދުގެ މުޒާހަރާއަކީ އައިރު ގާނޫނީ އެއްވުމެއްކަމަށް ވިދާޅުވެފައެވެ.
ފުލުހުން ވަނީ މިއަދުގެ އެއްވުމުގައި ރައްޔިތުން ބައިވެރި ނުވުމަށް ގޮވާލާފައެވެ. އަދި މުޒާހަރާ ރޫޅާލާނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.
ދުރާލާ ތައްޔާރުވެ މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާއަކީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށާއި، ހުކުމާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދު އާއޮ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ހައްޔަރުކޮށްފައިވާ އަިދިކޮު މަޖްލިސް މެމްބަރުންގެ އިތުރުން ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާއެކެވެ.
މިއަދުގެ މުޒާހަރާއަށް އިދިކޮޅު ފަރާތްތަކުން ތައްޔާރުވަމުން ދަނިކޮށް އެކި ތުހުމަތުތަކުގައި ސިޔާސީ އެކްޓިވިސްޓުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މިއަދުގެ މުޒާހަރަކީ އައިރު ގާނޫނީ އެއްވުމެއްކަމަށް ފުލުހުން ސިފަ ކުރި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މި އެއްވުމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ މިނިވަންކަމެއް ކަމަށާއި ކުށެއް ނުކުރަނީސް ފުލުހުންނަކަށް ދުރާލާ އެއްވުން އައިރު ގާނޫނީކަމަށް ކަނޑަނޭޅޭނެކަމަށެވެ.
ސަރުކާރުން ވަނީ މުޒާހަރާތަކަށް މަސްދޯނި ފަހަރުތަކުގައި މީހުން އުފުލައިފި ނަމަ އެފަދަ އުޅަނދުތަކަށް ދީފައިވާ މަސްވެރިކަމުގެ ހުއްދަ ބާޠިލް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މުޒާހަރާތަކަށް ކައުންސިލަރުން ނުދިއުމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ.