Last Updated: April 24, 06:02
Wednesday, April 24, 2024
ޚަބަރު

ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސްގެ ޕްރީ އޯޑަރ ދިރާގުން ހުޅުވާލައިފި

މަޝްހޫރު ފޯން އުފައްދާ ޓެކް ކުންފުނި ކަމުގައިވާ ސެމްސަންގްގެ އެންމެ ފަހުގެ އުފެއްދުން، ސެމްސަންގް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް އަށް ޕްރީ-އޯޑަރ ކުރެއްވުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގުން ސެމްސަންގް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ޕްރީ-އޯޑަރު ކުރައްވާ ފަރާތްތަކަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު 5ޖީބީ ހިލޭ ޑޭޓާ ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް ޕްރީ-އޯޑަރ ކުރެއްވޭނީ އެއް ފޯނަށް ކަމަށްވާއިރު، ޕްރީ-އޯޑަރ ކުރައްވާ ފަރާތްތަކަށް ކުރިއަށް އޮތް އޭޕްރީލް މަހު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ސެމްސަންގް ގިއާ ސްޕޯޓްސް އިން 30%ގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.

ސެމްސަންގްގެ އެންމެ ފަހުގެ ފޯންތަކަށް ޕްރީ-އޯޑަރ ކުރެއްވުމުގެ ފުރުސަތު ދިރާގުން ހުޅުވާލާފައިވާއިރު، ދިރާގުން ވަނީ އެ ފޯންތައް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް ޚާއްސަ އިންސްޓޯލްމެންޓް ޕްލޭންތަކެއް ވެސް ތަޢާރަފްކޮށްފަ އެވެ.

އިންސްޓޯލްމަންޓަށް ފޯން ގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ.

މީގެ އިތުރުން އަލަށް ޕޯސްޓްޕެއިޑް ޚިދުމަތް ހޯދާ ކަސްޓަމަރުންނަށްވެސް ރަނގަޅު އަގެއްގައި ސަމްސަންގް ގެލެކްސީ އެސް-9 އަދި އެސް-9 ޕްލަސް ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން ޕްރީ-އޯޑަރ ކުރައްވާ ކޮންމެ ފޯނަކަށް އެޑްވާންސްގެ ގޮތުގައި 2999 ރުފިޔާ ދައްކަންޖެހެ އެވެ. އެ ފައިސާ ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ދެއްކޭނެ އެވެ.

ސެމްސަންގް ގެލެކްސީ އެސް9 ގެ 64ޖީބީ މޮޑެލްއަށް ޕްރީ-އޯޑަރ ކުރައްވާ ފަރާތްތަކުން އިންސްޓޯލްމެންޓަށް މަހަކު ދައްކަން ޖެހޭނީ 899 ރުފިޔާ ކަމަށްވާއިރު، އެ ފޯންގެ 128ޖީބީ މޮޑެލް އަށް އިންސްޓޯލްމެންޓަށް މަހަކު ދައްކަން ޖެހޭނީ 949 ރުފިޔާ އެވެ.

އަދި ސެމްސަންގް ގެލެކްސީ އެސް9 ޕްލަސް ގެ 64ޖީބީ މޮޑެލް އަށް އިންސްޓޯލްމެންޓް ޕްލޭންގެ ދަށުން މަހަކު 1049 ރުފިޔާ ދައްކަން ޖެހޭއިރު، އެ ފޯންގެ 128ޖީބީގެ މޮޑެލް އަށް ދައްކަން ޖެހޭނީ މަހަކު 1149 ރުފިޔާ އެވެ.

އިންސްޓޯލްމެންޓް ޕްލޭނަކާއި ނުލައި ވަގުތުން ފޯން ބޭނުން ގަންނަން ބޭނުންވާ ފަރާތްތަކަށް ދިރާގުން ވަނީ އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށެވެ.

އެގޮތުން ސެމްސަންގް ގެލެކްސީ އެސް9 ގެ 64 ޖީބީ 13،499 އަށް ވިއްކާއިރު، އެ ފޯންގެ 128 ޖީބީގެ މޮޑެލް ވިއްކާނީ 13،999 ރުފިޔާ އަށެވެ. އަދި ސެމްސަންގް ގެލެކްސީ އެސް 9 ޕްލަސްގެ 64 ޖީބީ 14،999 އަށް ވިއްކާއިރު، އެ ފޯންގެ 128 ޖީބީގެ މޮޑެލް ވިއްކާނީ 15،999 ރުފިޔާ އަށެވެ.

ސަމްސަންގް އެސް9 އަދި އެސް9 ޕްލަސް ގެ 64ޖީބީ އާއި 128ޖީބީގެ ފޯން ވަނީ ބާޒާރަށް ނެރެފައެވެ. މިފޯންތަކުގެ މިޑްނައިޓް ބްލެކް، ކޮރަލް ބްލޫ އަދި އާ ކުލައެއް ކަމަށްވާ ލިލަކް ޕާޕަލް ވެސް ލިބެން ހުންނާނެއެވެ.

ސަމްސަންގް އެސް9 އަދި އެސް9 ޕްލަސް އަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑަރ ކުރެއްވޭނެއެވެ.