Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އެމެރިކާގައި ބްރިޖެއް ވެއްޓި ހަތަރު މީހުން މަރުވެއްޖެ

އެމެރިކާގެ މިއާމީގެ ފްލޮރިޑާ އިންޓަނޭޝަނަލް ޔުނިވާސިޓީގެ މަގު ހުރަސްކޮށް ހިނގުމަށް ހަދާފައިވާ ބްރިޖެއް ވެއްޓި، ހަތަރު މީހުން މަރުވެ އިތުރު 10 މީހަކު ޒަޚަމްވެއްޖެ އެވެ.

ބްރިޖް ދަށުގައި އެއްވެސް މީހަކު ތާށިވެފައިވާތޯ ބެލުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.

ބަރުދަނުގައި 862 ޓަން އަދި ދިގުމިނުގައި ގާތްގަނޑަކަށް 174 ފޫޓު ހުންނަ މި ބްރިޖް ވެއްޓިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ވަގުތެއްގައި އަށް ލޭނުގެ ފުޅާ މަގެއްގެ މައްޗަށެވެ. މި ހާދިސާގައި މަދުވެގެން އަށް ވެހިކަލެއް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް، ބްރިޖް ވެއްޓުނުއިރު ބްރިޖް ދަށުގައި ތިބީ ކިތަށް މީހުންކަމެއް އަދިވެސް ޔަޤީން ނުކުރެވެއެވެ.

މަގު ހުރަސްވާ ގޮތަށް އެ ބްރިޖުގެ ސްޓްރަކްޗާ ހަދާފައިފައި ވަނީ ހޮނިހިރު ދުވަހު ޖުމްލަކޮށް އެންމެ ހަ ގަޑިއިރުގެ ތެރޭގައެވެ. ޓްރެފިކަށް ބުރޫ އަރައިފާނެތީ ބްރިޖް ހަދާފައި ވަނީ "އެކްސެލެރޭޓެޑް ބްރިޖް ކޮންސްޓްރަކްޝަން" މެތަޑް ބޭނުންކޮށްގެންނެވެ.

ޖުމްލަ 14.2 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވި މި ކޭބަލް ބްރިޖް އެޅުމަށް ފައިސާ ދިނީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޓްރާންސްޕޮޓޭޝަން އިންނެވެ.

ފްލޮރިޑާ ޔުނިވާސިޓީގެ ވެބްސައިޓްގައިވާ ގޮތުން މި ބްރިޖަކީ 100 އަހަރަށް ދެމިހުންނާނެހެން ކެޓަގަރީ 5 ގެ ތޫފާނެއްގައި ވެސް ހިފަހައްޓާލެވޭ ވަރަށް ޑިޒައިންކޮށްފައިވާ ބްރިޖެއް ކަމަށެވެ.

މި ބްރިޖަކީ އަމިއްލައަށް ސާފުކުރެވޭ ކޮންކްރީޓް ބޭނުންކޮށްގެން އަޅާފައިވާ ދުނިޔޭގެ ފުރަތަމަ ބްރިޖެވެ.

މި ބްރިޖް ރަސްމީކޮށް އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ 2019 ގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.