Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ޗެމްޕިއަންސް ލީގް ކުއާޓާގައި ސިޓީ އާއި ލިވަޕޫލް

ޔުއެފާ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލުގެ ޑްރޯ މިއަދު ނަގައި، ފަހު އަށެއްގައި ވާދަ ކުރާނެ ޓީމުތައް އިއުލާންކޮށްފި އެވެ.

ކުއާޓާއަށް ދަތުރުކޮށްފައިވާ އަށް ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަދި ރަނަރަޕް ޔުވެންޓަސް، ބާސާ، މެންޗެސްޓާ ސިޓީ، ލިވަޕޫލް، ރޯމާ، ސެވީއާ އަދި ބެޔާން މިއުނިކްއެވެ.

މިއަދުގެ ޑްރޯގައި އެންމެ ގިނަ ބަޔެއްގެ ލޯ ހުއްޓުނީ އިނގިރޭސި ދެ ޓީމު، މެންޗެސްޓާ ސިޓީ އަދި ލިވަޕޫލް ކުއާޓާގައި ވާދަ ކުރަން ޖެހުމުންނެވެ. މީގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ޖެހިފައި ވަނީ އެންމެ ފަހުގެ ރަނަރަޕް ޔުވެންޓަސްއާ އެވެ.

ބާސެލޯނާ ރޯމާއާ ކުއާޓާގައި ބައްދަލު ކުރަން ޖެހިފައިވާ އިރު ސެވީއާ ކުޅެން ޖެހެނީ ބެޔާން މިއުނިކްއާ ދެކޮޅަށެވެ. އިނގިރޭސި ފަސް ޓީމު ނޮކް-އައުޓް ސްޓޭޖަށް ދަތުރުކޮށްފައިވާ އިރު ޗެލްސީ، ބާސާއަތުން ބަލިވެ ކަޓާފައިވާ އިރު ޓޮޓެންހަމް ބަލިވެފައި ވަނީ ޔުވެންޓަސް އަތުންނެވެ. އަދި މެންޗެސްޓާ ޔުނައިޓެޑު ކާތުވާލީ ސެވީއާ އެވެ.

ތިން ޓީމުވެސް ކުޅުނު ފުރަތަމަ ލެގު ވަނީ އެއްވަރު ވެފައެވެ.