އިދިކޮޅު އެއްވުން ތަކުގައި ބައިވެރިވަނީ ކާފަރުން ކަމަށް ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ސިފަކުރައްވާފައި ވާއިރު، އަދުރޭ ދެއްކެވި ވާހަކަ އަށް ޝެއިޚް އަލީ ޒައިދު ރައްދު ދެއްވައިފިއެވެ.
އެގޮތުން ޝެއިޚް ޒައިދު ވަނީ މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ޓްވީޓެއް ކުރައްވާފައެވެ.
Farulu 5 namaadhaa roadhayaa shahaadhathuge 2 kalimaige mathee thibi gina bayakah, vaki kamakaa gulhuvai "eiy islam dheenuge adhuhvunney" mifadhain mukhaathab kurumakee v dherakameh! Muslim akaa dhimaalah kaafarekey nubuneveyne! Faalhuvegen vaa kufreh nufennahaa hindhaku.
— Ali Zaid (@alizaid1000) March 16, 2018
ޝެއިޚް ޒައިދުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ފަރުޟު ފަސް ނަމާދާއި ރޯދައާއި ޝަހާދަތުގެ ދެކަލިމައިގެ މަތީ ތިބި ގިނަ ބަޔަކަށް ވަކި ކަމަާ ގުޅުވައި "އެއީ އިސްލާމް ދީނުގެ އަދުއްވުންނޭ" ބުނެ މުޚާތަބު ކުރުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.
އަދި ފާޅުވެގެންވާ ކުފުރެއް ނުފެންނަ ހިނދަކު މުސްލިމަކާއި ދިމާލަށް ކާފަރެކޭ ނުބުނެވޭނެ ކަމަށްވެސް ޝެއިޚް ޒައީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އިސްލާމްދީން ދެކެ ލޯބިވާ ބަޔަކު އިދިކޮޅު ފަރާތްތަކާއި އެކު ނުތިބޭނެ ކަމަށެވެ.
"އެއްވުމުގައި ބައިވެރިވަނީ އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި، އިސްލާމްދީނާ ދެކޮޅު މީހުން"، އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ހާލަތުގެ މައްޗަށް ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓުން އިއްޔެ ފާސްކުރި ގަރާރަށް އަދުރޭ ވިދާޅުވީ އީޔޫއަށް އެގަރާރު ހުށަހަޅާފައިވަނީ އިސްލާމް ދީން ފޮހެ ރާއްޖެއިން ލަން ކަމަށެވެ.