އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބޭއްވި "ހުއްޓުވާ" އެއްވުމަށް މީހުން އެއްވަން ފެށުމާއި އެކު މުޒާހަރާ ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން ދީ ގިނަ ބަޔަކު ހައްޔަރުކޮށް މުޒާހަރާ ރޫޅާލައިފިއެވެ.
ޗާނދަނީ މަގާއި، މަޖީދީމަގު ގުޅޭ ޖަންކްޝަން ސަރަހައްދަށް މީހުން އެއްވަމުން އަންނަ އިރު މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވާ ފުލުހުން ތިބީ މޫނު ނިވާކޮށްގެންނެވެ.
ފުލުހުންގެ ބޮޑު ފައުޖެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އިރު ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް ގޮވާލާފައެވެ.
ފުލުހުން ވަނީ މުޒާހަރާ ތެރެއިން މިހާތަނަށް ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. ފުލުހުން ގިނަ ބަޔަކު ހައްޔަރު ކުރަން ފެށުމުން މުޒާހަރާގެ ބައިވެރިން އެކި ގޯޅިތަކަށް ވަދެ އެކި ހިސާބުތަކުން މަޖީދީ މަގަށް ނިކުތުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތަށް އާއްމުން މަސައްކަތް ކުރަމުން ދަނިކޮށް މޫނު ނިވާކޮށްގެން ތިބި އެސްއޯ ފުލުހުން ވަނީ ނޫސްވެރިންނަށް މަންޒަރު ކަވާރު ނުކުރެވޭ ގޮތަށް ގޯޅީ ގަޑަކަށް ނޫސްވެރިން ވައްދާފައެވެ.
މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރު ކުރިނަމަވެސް މީހުންގެ އަދަދު ދަންވަރުވީ އިރުވެސް މަދެއް ނުވެއެވެ. ދެން ފެނިގެން ދިޔައީ އެކި ގޯޅިތަކުން މުޒާހަރާގެ ބައިވެރިން ގްރީން ޒޯން، ޖުމްހުރީ މައިދާނަށް ވަނުމަށް މަސައްކަތް ކުރިތަނެވެ.
ދަންވަރު 12ގެ ފަހުން ގިނަ ބަޔަކު އެމްއެމްއާއި ދިމާލުން ޖުމްހުރީ މައިދާނަށް ވަނުމަށް މަސައްކަތް ކުރުމުން ސިފައިން ވަނީ އެތަނައް އެއްވި މީހުންގެ ތެރެއަށް ކަރުނަ ގޭސް ޖަހާފައެވެ.
މުޒާހަރާ ރޫޅާލާފައިވަނީ ސިފައިންނާއި ފުލުހުން ނިކުމެ އާއްމުންގެ ތެރެއަށް ކަރުނަ ގޭސް ޖަހައި ގިނަ ބަޔަކު ހައްޔަރުކޮށްގެންނެވެ. ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ.
އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ޕީޖީ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހައްޔަރުކޮށްފައިވާ ކަމަށެވެ.