ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ ތެރެއިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ހައްޔަރުކޮށްފިއެވެ.
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި ރޭގެ މުޒާހަރާ ތެރެއިން އިބޫ ހައްޔަރުކޮށްގެން ވަނީ ދޫނިދޫ ޖަލަށް ގެންގޮސްފައެވެ. މުޒާހަރާ ތެރެއިން ގިނަ ބަޔަކު ރޭވެސް ހައްޔަރުކޮށްފައިވާއިރު އޭގެ ކުރީ ރޭ ހައްޔަރުކުރި 23 މީހުން ރޭ ފުލުހުން ވަނީ ދޫކޮށްލާފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހަށް ބިރު ދެއްކި ކަމަށް ބުނެ ކޯޓު އަމުރަކާއެކު އެމްޑީޕީ އެކްޓިވިސްޓު، މުހައްމަދު ހާޝިމް(ސްމިތް) ފުލުހުން ވަނީ ރޭ ހައްޔަރުކޮށްފައެވެ. ބެލެވޭ ގޮތުގައި ސްމިތް ހައްޔަރުކޮށްފައިވަނީ މިހިނގާ މާޗު މަހުގެ 14 ވަނަ ދުވަހު ރެސްޓޯރެންޓެއްގެ ތެރެއިން ފަލާހާ ދެމީހުންނާ ދެމެދު ހިނގި މުއާމަލާތެއްގެ ސަބަބުންނެވެ.
ޓުވިޓާ ލައިވް މެދުވެރިކޮށް ސްމިތް އާންމުކުރި ލައިވް ވީޑިއޯގައި އޭނާ ވަނީ މެމްބަރު ފަލާހަށް، އަފްރާޝީމް މަރާލީ ކާކުތޯ ސުވާލުކޮށްފައެވެ. ދެމީހުންގެ ދެމެދުގައި ހަމަނުޖެހުމެއް ފެނިގެން ގޮސްފައިވާ ތަނެއް މިވީޑިއޯ އިން ނުފެނުނަސް ސްމިތް ހައްޔަރުކުރީ އެކަމާ ގުޅިގެން ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.