Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

"ގާނޫނުން ބޭރުން ކުރާ ހުކުމަކަށް ތަބާ ނުވާނެ"

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝުކޫރު: ފޮޓޯ - ވީނިއުސް

ގާނޫނު އަސާސީގެ ބޭރުން ކުރާ އެއްވެސް ހުކުމަކަށް ތަބާ ވާން ނުޖެހޭ ކަމަށާއި އެއީ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ކުރާ ހުކުމަކަށް ވިޔަސް އެއަށް އަމަލު ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ރޭ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބޭއްވި ނޫސް ކޮންފަރެންސުގައި ބައިވެރިވަމުން އާޒިމާ ވިދާޅުވެފައިވަނީ ކޯޓުތަކުން އަމުރުތައް ނުކުންނަން ޖެހޭ ގޮތާއި ކޯޓުތަކުގެ ބާރުތައް އޮތީ ކޮން ގޮތަކަށް ކަން ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާން ވެފައިވާ ކަމަށެވެ.

އެހެންކަމުން އެއާ ޚިލާފަށް ނެރޭ އަމުރެއް، ކޮންމެ ކޯޓަކުން ނެރުނަސް ތަބާ ނުވާނެ ކަމަށް ވަރަށް ކެރިގެން ދަންނަވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ނުކުރީވެސް އެއީ ގާނޫނުން ބޭރު ވީމާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސަރުކާރު މަޑުމައިތިކޮށް، ކެތްތެރިކަމާއެކު އޮތުމަކީ ބަލިކަށިވުން ނޫން ކަމަށާއި ކުރަން ޖެހޭ ކަމެއް ފަސްޖެހުމެއް ނެތި މިސަރުކާރުން ކުރާނެ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.