އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި މުޒާހަރާ ދިޔައީ "ބޮޑު ސޯޅަ ހަމަ ބޮޑު ސޯޅަ އަށް" ވެގެން ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އިދިކޮޅު މުޒާހަރާ އާއި ގުޅޭ ގޮތުން މީގެ ކުރިންވެސް ނިހާން ވިދާޅުވީ މާޗް 16 ވަނަ ދުވަހު ބާއްވާ މުޒާހަރާ ނިމިގެން ދާނީ ބަސް ފޮތުގައި އޮންނަ "ބޮޑު 16"ގެ ގޮތުގައި ކަމަށެވެ.
"ބޮޑު ސޯޅަ މިދިޔައީ ހަމަ ބޮޑު ސޯޅަ އަށް. މިހާރު އަޅުގަނޑުމެން މިތިބީ 17 މާޗުގައި. ރާއްޖޭގެ ރައީސަކީ އަދިވެސް އަބްދުﷲ ޔާމީން. ރާއްޖެ ސަލާމަތް ކުރުމުގެ ހިތްވަރާއި ފަންވަރު ދިވެހި ސިފައިންނާއި ފުލުހުންގެ ހުންނާނެ. އިސްލާމް ދީނަށް ހަޖޫ ޖަހާ މީހަކަށް ދިވެހި ސިފައިންނާއި ފުލުހުން ތަބައެއް ނުވާނެ."
ރައީސް އަބްދުﷲ ޔާމީން "ހުއްޓުވުމަށް" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރޭ މުޒާަހަރާއަށް ނިކުނަން އިއްލާން ކުރުމާއި އެކު ޕީޕީއެމް ނިންމީ ފުލުފުލުގައި ނޫސް ކޮންފަރެންސް ބޭއްވުމަށެވެ. އެގޮތުން ރޭ އެންމެ ފަހުން ބޭއްވި ނޫސް ކޮންފަރެންސްގައި ނިހާން ވިދާޅުވީ ފުލުހުންނާއި ސިފައިން ގްރީން ޒޯނަށް ވަނުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.
"ޖުމްހޫރީ މައިދާނަށް ވަދެވޭނެ ކަމަށް އެއްވެސް ބޭފުޅަކު ހީނުކުރައްވާ. ގްރީން ޒޯން ކަމަށް ކަނޑައަޅާފައިވާ ޖުމްހޫރީ މައިދާނަށް ވަދެވުނު ޒަމާން ހިނގައްޖެ."
ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން "ޕީސްފުލް" އެއްވުމެއްކަމަށް ކިތަންމެ ވަރަކަށް ބުނި ނަމަވެސް އެކަން ގަބޫލު ކުރެވެން ނެތް ކަމަށެވެ. ނިހާން ވިދާޅުވީ މިރޭގެ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދީފައިވާ އިރު ކާރެއްގައި ރޯކޮށްލާފައިވާ ކަމަށެވެ.
ރޭގެ މުޒާަހަރާ ރޫޅާލާފައިވަނީ މުޒާހަރާގެ ބައިވެރިން ގްރީން ޒޯން ހިމެނޭ ސަރަހައްދަށް އެއްވާން އުޅުމުން ސިފައިން ނިކުމެ ކަރުނަ ގޭސް ޖަހައިގެންނެވެ.