Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

ނޫސްވެރިން ހައްޔަރު ކުރީ ރާއްޖެ ޓީވީ ބަންދު ކުރަން

ރާއްޖެ ޓީވީގެ ބައެއް ނޫސްވެރިންނަށް މީގެ ކުރިންވެސް ވަނީ ހައްޔަރުކޮށް ތުހުމަތުަތަކެއް ކުރެވިފައި، އަދި އެތައް ފަހަރު މަތިން ސްޓޭޝަން ވަނީ ޖޫރިމަނާވެސް ކޮށްފައި: ފޮޓޯ - މިހާރު

ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ތެރެއިން ރާއްޖެ ޓީވީގެ ތިން ނޫސްވެރިޔަކު ހައްޔަރުކޮށްފައިވަނީ އެ ޗެނެލް ބަންދުކުރުމަށް ރާވައިގެން ކަމަށް ރާއްޖެ ޓީވީ އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ މުހައްމަދު ވިސާމާއި އެ ޗެނެލްގެ ހެޑް އޮފް ޕްރޮގްރާމްސް، އާމިރު ސަލީމް އަދި ނޫސްވެރިޔާ މުހައްމަދު ފަޒީން ފުލުހުން ރޭ ހައްޔަރުކޮސްފައިވާއިރު ފަޒީން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވި ކަމަށް ބުނެއެވެ. ނަމަވެސް ވިސާމް އަދި އާމިރް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުންގެ ޔުނީފޯމު އަޅައިގެން ފުލުހުންނަށް އިންޒާރު ދިން ވީޑިއޯއާ ގުޅިގެން ވިސާމާއި އާމިރު ހައްޔަރުކޮށްފައިވާއިރު ރާއްޖެ ޓީވީއިން ވަނީ އެ ތުހުމަތުތަކަކީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެ އެ ޗެނެލްގެ ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައެވެ.

ރާއްޖެ ޓީވީގެ ތިން ނޫސްވެރިޔަކު ހައްޔަރުކޮށްފައިވަނީ ރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓިގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ، ރާއްޖެ ޓީވީ ބަންދުކުރުމަށް ގޮވާލާފައި ވަނިކޮށެވެ. އޭނާ ވަނީ ވީޓީވީ އަދި ޖޭޕީގެ މައި ހަރުގެ، ކުނޫޒް ވެސް ބަންދުކުރަން ގޮވާލާފައެވެ.