Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

މޮރާޓާ ސްޕެއިން ޓީމުން ވެސް ބާކީވެއްޖެ

މިސީޒަނުގައި ސްޕެއިންގެ ރެއާލް މެޑްރިޑުން އިނގިރޭސި ވިލާތުގެ ޗެލްސީއަށް ބަދަލުވި ސްޕެނިޝް ފޯވާޑް، އަލަވާރޯ މޮރާޓާއަށް ޗެލްސީ ޓީމުން ޖާގައެއް ހޯދުމަށް ދަތިވެފައިވާ މިދަނޑިވަޅުގައި ސްޕެއިންގެ ގައުމީ ޓީމުންވެސް ބާކީކޮށްލައިފިއެވެ.

މީގެ ހަފްތާތަކެއް ކުރިން ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާއި ދުރުގައި ހުރުމަށް ފަހު، އެނބުރި އައި ފަހުން ކޮންޓޭގެ ޓީމުން މޮރާޓާއަށް ވަނީ ޖާގައެއް ލިބުމަށް ދަތިވެފައެވެ. ޚާއްސަކޮށް ޖެނުއަރީ މަހު އާސެނަލްގެ ފޯވާޑް، އޮލިވިއާ ޖިރޫ ކުލަބަށް ގެނައި ފަހުން މޮރާޓާ ވަނީ އިތުރަށް ފަނޑު ވެފައެވެ.

ސްޕެއިންގެ ފޯވާޑުންގެ ލިސްޓުން މޮރާޓާ ބާކީކޮށްލުމަށް ފަހު ކޯޗު ވަނީ ޗެލްސީގައި މޮރާޓާގެ ކުރީގެ ރޯލު އަދާކުރި ޑިއެގޯ ކޮސްޓާއަށް އަލުން ޓީމުން ފުރުސަތެއް ދީފައެވެ.

ކޮސްޓާ ކުލަބުން ބާކީކޮށްލުމަށް ފަހު އޭނާގެ ބަދަލުގައި ކޮންޓޭ މޮރާޓާ ގެނައުމަށް ފަހު ކޮސްޓާ ވަނީ ޓްރާންސްފާ ބާޒާރު ނިމުނު ފަހުން އޭނާގެ ކުރީގެ ކުލަބު، އެތްލެޓިކޯ މެޑްރިޑަށް ސޮއިކޮށްފައެވެ. އޭގެ ސަބަބުން ކޮސްޓާއަށް ޖެހުނީ ޖެނުއަރީ ޓްރާންސްފާ ފެށެންދެން ކުޅުމާއި ދުރުގައި މަޑު ކުރާށެވެ.

ޖެނުއަރީ މަހު އަނެއްކާވެސް ކުޅެން ފަށައި، ކޮސްޓާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާގެ ފުރަތަމަ މެޗުގައިވެސް ގޯލެއް ޖެހިއެވެ. ކޮސްޓާގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމުން ޗެލްސީގެ މާކޮސް އެލޮންސޯ ވަނީ ޖާގަ ހޯދާފައެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މަޓާއަށް ވަނީ ޖާގައެއް ނުލިބިފައެވެ.