ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ރައީސްކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ރައީސް ޝީ ޖިންޕިންގ ރައީސްކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުގެ އިތުރުން ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއަރމަންކަމަށް އަލުން އިންތިޚާބުވެ ވަޑައިގަތުމުން، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް މަރުޙަބާ ވިދާޅުވެ ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމުގައި 13 ވަނަ ނެޝަނަލް ޕީޕަލްސް ކޮންގްރެސްއިން ދެއްވި އެއްބަރުލެއްވުމަކީ ޗައިނާގެ ކުރިއެރުމާއި، ޤައުމީ ތަރައްޤީއަށް ވޭތުވެދިޔަ ފަސް އަހަރު ޝީ ޖިންޕިންގ ރައީސްކަމުގައި ހުންނަވައިގެން އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމުގެ ހެއްކެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އަދި މިނިންމެވުމަކީ ޗައިނާ ގެ ކުރިއެރުމަށް ރައީސް ރައީސް ޝީ ޖިންޕިންގ ގެންގުޅުއްވާ "ޓޫ ސެންޓެނަރީ ގޯލްސް" އަދި "ޗައިނީސް ޑްރީމް" ޙާޞިލްކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުބާރު ލިބިވަޑައިގެންފައިވާކަން ދައްކުވައިދޭ ނިންމެވުމެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައި ވަނީ ޗައިނާގެ ރައީސް ރައީސް ޝީ ޖިންޕިންގ ގެ ޒަޢާމަތުގައި އެމަނިކުފާނުގެ އިރުޝާދާއެކު ޤައުމީ އަދި ބައިނަލްއަޤުވާމީ ގޮތުން، އާހަރުފަތަކަށް ޤައުމު ގެންގޮސް ދެއްވައި، ބައިނަލްއަޤުވާމީ މައިދާނުގައި އެޤައުމުގެ ތަރައްޤީ ހިއްޞާވާ މިންވަރު އިތުރުވެގެންދާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށެވެ.
ޗައިނާގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވީ ރާއްޖެއާއި ޗައިނާއާއި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ދެޤައުމަށް ވެސް ފައިދާ ހުރި ތަރައްޤީގެ މަޝްރޫޢުތަކާއި، ވިޔަފާރީގެ ގުޅުމުގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދެޤައުމުގެ އާއްމުރައްޔިތުންގެ މެދުގައި އުފެދިގެން ދިޔަ ގާތް ގުޅުމާއެކު ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް 45 އަހަރުވީ ދޭދޭ ގުޅުމާއި އެއްބާރުލުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ.
އެ މެސެޖު ނިންމަވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ދައުރުގައިވެސް ދެޤައުމުގެ ރައްޔިތުންގެ ފައިދާއަށް ޗައިނާގެ ރައީސްއާއެކުގައި މަސައްކަތް ކުރައްވައި، މިހާރަށްވުރެ ވެސް ގާތް ގުޅުމެއް ބޭއްވުމަށް އުއްމީދު ކުރައްވާ ކަމުގައެވެ.