Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ކުރީގެ ސީޕީ ވަހީދު ރައީސް ނަޝީދަށް ރައްދު ދީފި

ކުރީގެ ސީޕީ ހުސައިން ވަހީދު

ފުލުހުންގެ ޔުނީފޯމް ލައްވައިގެން ގޭންގްތައް މާލޭގެ މަގުތަކަށް ރޭ ނެރުއްވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ރައްދު ދެއްވައިފި އެވެ.

ރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) ގެ ޔުނީފޯމްގައި ގޭންގްތަކުން 45 ކުދިން މަގުމައްޗަށް ނެރެފައިވާ ކަމަށާއި، އެކަމުގައި އިސްކޮށް ހުންނަވަނީ ކުރީގެ ސީޕީ ހުސައިން ވަހީދު ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ދިވެހި ރައްޔިތުންގެ ދިފާޢުގައި ނިކުމެވަޑައިގަތުމަށް ފުލުހުންނާއި ސިފައިންނަށް ގޮވާލައްވާފައެވެ.

ރައީސް ނަޝީދުގެ މި ޓްވީޓަށް ރައްދު ދެއްވައި ކުރީގެ ސީޕީ ހުސައިން ވަހީދު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ.

އެގޮތުން ހުސައިން ވަހީދު ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު މޮޔަފުޅުވީތޯ ސުވާލުކުރައްވައި ވިދާޅުވީ ބަޔަކު ނެރޭކަށް އޭނާ ނުޖެހޭނެ ކަމަށެވެ.

އަދި މަގުތަށް އަމާން ކުރުމުގެ ޤާބިލުކަން ދިވެހި ސިފައިންނާއި ފުލުހުންގެ ކިބައިގައި ހުންނާނެ ކަމަށާއި، އެ ބޭފުޅުން އެކަންކަން ކުރައްވާނެ ކަމަށްވެސް ހުސައިން ވަހީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 13 އަހަރަށް ޖަލަށް ލީ ކޮމިޝަނަރަކަށް ހުސެން ވަހީދު ހުންނަވަނިކޮށެވެ. އެކަމަކު 2015 ގައި ރައީސްގެ ރަސްމީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ފުލުހުންގެ އިދާރާއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހުސެން ވަހީދު ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސައިފަ އެވެ.

ރޭގެ މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރު، އަދި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ އެހެން ދެ މެމްބަރުން ކަމަށްވާ އަލީ އާޒިމާއި ހުސެން މުހައްމަދާ އެކު 141 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ރޭގެ މުޒާހަރާގައި އެހެން ރޭރެއަށް ވުރެ ގިނަ އަދަދަށް މީހުން ބައިވެރިވިކަން ފާހަގަކޮށްލެވެ އެވެ.