Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ރޭގެ މުޒާހަރާ ވަރަށް ކާމިޔާބު: ހަސަން

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން "ހުއްޓުވާ" ގެ ނަމުގައި ރޭ ކުރިއަށްގެންދިޔަ މުޒާހަރާ ވަރަށް ވެސް ކާމިޔާބު ކަމަށާއި މުޒާހަރާގެ މަޤްޞަދު ޙާސިލު ވެއްޖެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތް ތަކުން މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ފަސާދަ ހުއްޓުވުމަށް އިދިކޮޅު ފަރާތް ތަކުން ރޭ ކުރި މުޒާހަރާ ގެ މަޤްޞަދު މާބޮޑަަށް ވެސް ޙާސިލު ވެއްޖެ ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ރޭ ފެނިގެންދިޔައީ ރައްޔިތުން ނިކުމެ ރައީސް ޔާމީންގެ އަނިޔާވެރިކަން ހުއްޓުވަން މައްސަކަތް ކޮށް އަޑު އުފުލިތަން ކަމަށާއި، ސަރުކާރުގެ ފިއްތުން އިންތިހާއަށް އޮތް އިރުވެސް ރައީސް ޔާމީން ފުލުހުން މެދުވެރިކޮށް ރައްޔިތުންނަށް އަނިޔާ ކުރަމުން ގެންދިޔަ އިރުވެސް ރައްޔިތުން އެއަށް ފަސްޖެހުމެއް ނެތި އިހުތިޖާޖު ކުރި މަންޒަރު ފެނިގެން ދިޔަ ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ރޭގަ ވެސް ގިނަ ރައްޔިތުން ނިކުތް ކަމަށާއި މިރޭވެސް ނިކުންނާނެ ކަމަށާއި މިހާރު ކުރަމުންދާ އިހުތިޖާޖު ހުއްޓާ ނުލާނެ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ކުރަން ދެން އަދި ރާއްޖޭގައި އިއުލާންކޮށްފައިވާ ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލަންދެން މުޒާހަރާތައް ކުރިއަށްގެންދާނެ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ މިރޭ ވެސް ފެށޭނީ 21:00 ގައި މަޖީދީ މަގާއި ޗާންދަނީ މަގު ކަންމަތިން ކަމަށެވެ.

ރޭގެ މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރު، އަދި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ އެހެން ދެ މެމްބަރުން ކަމަށްވާ އަލީ އާޒިމާއި ހުސެން މުހައްމަދާ އެކު 141 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ރޭގެ މުޒާހަރާގައި އެހެން ރޭރެއަށް ވުރެ ގިނަ އަދަދަށް މީހުން ބައިވެރިވިކަން ފާހަގަކޮށްލެވެ އެވެ.