Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އާންތު، އިތުރު ދެ ޝެފުންނާ އެކު އޭޝިއަން ޕޭސްޓްރީ ކަޕަށް

އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެ ތަމްސީލުކުރާ ތިން ޝެފުން -- ފޮޓޯ/ ބީބީއެމް

ސިންގަޕޫރުގައި އަންނަ މަހުގެ 25 ގައި ފަށާ ފުޑް އެންޑް ހޮޓެލް އޭޝިއާ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރަން އައްޑޫގެ ފަހްރުވެރި ކަނބަލެއް ކަމަށްވާ ސ. ހިތަދޫ، ސްލީޓް، އާމިނަތު ހަމީދު (އާންތު) އާއި އިތުރު ދެ ޝެފުން ތައްޔާރުވެއްޖެ އެވެ.

ކޮންރެޑް މޯލްޑިވްސްގެ ޝެފް އާންތުއާ އެކު މިފަހަރުގެ ޕޭސްޓްރީ ކަޕަށް ދެން ދަނީ ސޮނެވާ ފުށީގެ ޝެފް އިބްރާހިމް ފަރީދާއި ހުޅުލެ އައިލަންޑް ހޮޓެލްގެ ޝެފް އިންދްރަ ކުމާރް ލިމްބޫއެވެ.

މި ތިން ބައިވެރިންގެ ދަތުރު ސްޕޮންސަކޮށްފައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި ކުރަމުން އަންނަ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (އެމްއީސީއެސް) އިންނެވެ.

ބީބީއެމުން ބުނީ މިފަދަ ސަރަހައްދީ މުބާރާތެއްގައި ދިވެހި ޝެފުން ބައިވެރިވާ އިރު ބޭނުން ވަނީ ރަނގަޅު ވަނަ ތަކެއް ހާސިލް ކުރުމަށް ކަމަށެވެ.

އެހެންވެ މިހާރުން ފެށިގެން މި ތިން ޝެފުން މުބާރާތަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ޕޭސްޓްރީ ކަޕް އޭޝިއާއަކީ ސަރަހައްދުގެ ހުރިހާ ގައުމަކުން ގިނަ އަދަދެއްގެ ޝެފުން ބައިވެރިވެގެން އެގްޒިބިޝަނަކާ އެކު ކުރިއަށްގެންދާ މުބާރާތެކެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު ޕޭސްޓްރީ މުބާރާތް ކަމަށްވާ ވޯލްޑް ޕޭސްޓްރީ ކަޕްއާ ވަރަށް އެއްގޮތަކަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މުބާރާތުގައި މާކްސް ދިނުމުގައި ކެއްކުމުގެ ހުނަރުގެ އިތުރުން ޑިޒައިން ކުރުމާއި އެތުރުމުގެ ވައްޓަފާޅި އާއި ބާވަތް ހުށަހަޅައި ދިނުމުގެ ވައްޓަފާޅިއަށް ބަލައި މާކްސް ދޭނެ އެވެ.