Last Updated: May 4, 06:00
Saturday, May 4, 2024
ސިޔާސީ

މައުމޫންގެ ބަންދަށް ލުޔެއް ނެތް!

ރައީސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް މާލެ ގެންދިޔުން-ފޮޓޯ: ސަން

ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިއަހަރު ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެރޭ ކުއްލި ޙާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ބަންދަށް ލުޔެއް ދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ރައީސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުނު ކަމުގެ ދަޢުވާގެ މިއަދުގެ އަޑުއެހުމުގައި ބަންދަށް ލުޔެއް ދެވެން ނެތްކަމަށް ގާޒީ ހައިލަމް ވަނީ ނިންމަވާފައެވެ. މިކަމުގައި ގާޒީ ވިދާޅުވެފައިވަނީ ރައީސް މައުމޫންގެ ބަންދަށް ލުޔެއް ދޭންޖެހޭ ސަބަބެއް ދިފާޢީ ވަކީލުންނަށް ދެއްކިފައި ނުވާ ކަމަށެވެ.

ރައީސް މައުމޫންގެ ހާލުކޮޅު ދޭތެރެ ދޭތެރެއިން ގޯސްވުމުގެ ސަަބަބުން ކޯޓުގައި ބޭއްވުމަށް ހަމަޖެއްސި ބައެއް އަޑުއެހުންތައް މީގެ ކުރިން ވަނީ ކެންސަލް ކޮށްފައެވެ. ރައީސް މައުމޫންގެ އާއިލާއިން ދަނީ އެމަނިކުފާނުގެ ޙާލަތަށް ރިޢާޔަތްކޮށް އެމަނިކުފާނު ގެޔަށް ފޮނުއްވައިދެއްވުމަށް އެތައް ފަހަރެއްގެ މަތިން އެދިފައެވެ. ދާދި ފަހުން އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްވެސް ވަނީ ރޯދަމަހު އެމަނިކުފާނު ގޭގައި ބަހައްޓަވައިދެއްވުމަށް އެދި ގޮވާލާފައެވެ.

ޓެރަރިޒަމްގެ ދަޢުވާގެ އިތުރުން އެމަނިކުފާނުގެ މައްޗަށްވަނީ އިތުރު އެތައް ދަޢުވާއެއް އުފުލާފައެވެ. އޭގެ ތެރޭގައި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ދަޢުވާއާއި ރިޝްވަތުގެ ދަޢުވާ ހިމެނެއެވެ. މީގެ އިތުރުންވެސް ދަޢުވާތައް އުފުލާފައިވާ ރައީސް މައޫމޫންގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރު ކޮށްފައެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ(ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެކެވެ.