ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ ހިތަދޫ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.
"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނިފައި ވަނީ ސ. ހިތަދޫ، ގޯޔާވިލާ އަބްދުﷲ މަނިކުފާން، 80، އެވެ.
އޭނާ ގެއްލިގެން ހޯދަން ފެށީ އިއްޔެ ހަވީރު 5:30 ހާއިރުން ފެށިގެންނެވެ. އަބްދުﷲ ފެނިފައި ވަނީ އާއްމުކޮށް އޭނާ މޫދަށް ގޮސް އެރި އުޅޭ ހިސާބާއި މާދުުރު ނޫން ހިސާބަކުންނެވެ. އޭނާ އާއްމު ގޮތެއްގައި މޫދަށް ގޮސް އުޅެނީ ހިތަދޫ ލިންކް ރޯޑުގައި ހުންނަ ރޯޔަލް ރެސްޓޯރެންޓާ ދިމާލަށެވެ.

އަބްދުﷲ މަނިކުފާންގެ ހަށިގަނޑު މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންްގޮސްފައެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ މޫދުގައި އޮތްވާ ފެނިގެން ގެނައި އުމުރުން ދުވަސްވީ މީހާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އަދި އޭނާ ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އަބްދުﷲ މަނިކުފާނަކީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އިންޑިއާ އަށް ބޭސް ފަރުވާއަށް ގޮސް އުޅެނިކޮށް ގެއްލިފައިވާ މީހެކެވެ. އޭނާ އޭރު ފެނުނީ ހޯދަމުންދާތާ އެއް ދުވަސް ފަހުން އާއްމުކޮށް ދިވެހިންދާ ޓްރެވިންޑްރަމް "ބިގް ބާޒާރު" ކައިރިންނެވެ.