Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

"އަޅުގަނޑު ދޫކޮށް އެމްޑީޕީ އާއި ގުޅޭނަންތަ؟"

އިންތިހާބު ނާކާމިޔާބުވުން އެމަނިކުފާނާއި ޕީޕީއެމް ދޫކޮށް އެމްޑީޕީ އާއި މެމްބަރުން ގުޅޭނެތޯ އަސަރާއި އެކު ރައީސް ޔާމީން ސުވާލު ކުރައްވައިފިއެވެ.

ޕީޕީއެމްގެ ކުއްލި ގައުމީ ޖަލްސާ ނިންމުން ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ޕީޕީއެމް ދޫކޮށް އެމްޑީޕީއަށް ނުދިއުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ފާއިތުވި ފަސް އަހަރުގައި އެތައް ކަމެއް ދިމާވި ކަމަށާއި ޕާޓީ ދޫކޮށް މެމްބަރުން ދިއުމަކީ ފުން ހިތާމައެެއް ކަމަށެވެ.

"މި އަޒުމާއި ހިތްވަރުގައި އަޅުގަނޑުމެންނާ އެކުގައި ތިއްބަވާ އެއްވެސް ބޭފުޅަކު މި އޮޑިން ފުންމާ ނުލައްވާ. އަޅުގަނޑުމެންގެ އޮޑިއަކީ އިރާދަ ކުރެއްވިއްޔާ މި ހުރިހާ ކަމަކާއެކީވެސް މި ހުރިހާ ބިޔަ ރާޅުތައް ފަތަހަ ކުރުމަށްފަހުވެސް ސަލާމަތުގެ އައްސޭރިއަށް ގެންދާނީ ހަމަ މި އޮޑި ކަފު ޖަހައިގެން. އެކަމުގައި ތިބޭފުޅުން ތިއްބަވާ،"

ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް ބޭއްވި އިރު ޕާޓީގައި ތިބީ އެންމެ 4000 މެމްބަރުން ކަމަށާއި މިއަދު ޕާޓީގައި 70،000 މެމްބަރުން ތިއްބެވި އިރު މިއީ ރާއްޖޭގައި އޮތް އެންމެ މީހުން ގިނަ ޕާޓީކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މިއަދު ސަރުކާރުގައި ތިބި ވަޒީފާ ގެއްލުނު ނަމަވެސް ވަޒީފާއަށް ޓަކައި ޕާޓީ ބަދަލު ނުކުރުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ޕާޓީގެ ގޮތުގައި ޕީޕީއެމް ދެމިއޮތުމަށް މެމްބަރުން ޕާޓީގައި މަޑު ކުރުން މުހިއްމު ކަމަށެވެ.

އެމަނިކުފާންގެ ވާހަކަ ނިންމަވާލެއްވީ އެންމެން އޮޑިން ފުންމާލައި ދިޔަ ނަމަވެސް ގިނިކަންޏާ ހުންނަން ޖެހުނަސް ޕީޕީއެމްގައި ދެމި ހުންނާނެކަމަށެވެ.