Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

ޕީޕީއެމްއިން ހުށަހެޅީ ދުސްތޫރީ މައްސަލެއް ކަމަށް ނުބެލެވޭ: ނަޝީދު

ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ޕީޕީއެމްއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބެލޭނެ ހަމައެއް މިންގަޑެއް ނެތްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުން މިއަދު ފަށާފައި ވަނިކޮށް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ޕީޕީއެމްއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބެލޭނެ ހަމައެއް މިންގަޑެއް ނެތްކަމަށާއި، މައްސަލަ ބައްލަވައި ސްޕްރީމް ކޯޓުން ދިގު ދައްމަންވީ ސަބަބެއް ނެތް ކަމަށެވެ.

އިންތިހާބު ބާޠިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ މިއަދި ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ ޝަރީއަތުގައި މައްސަލަ ރައްދުވާ އިލެކްޝަން ކަމިޝަނުން ބުނެފައިވަނީ މިއީ އެއްްވެސް އަސްލެއް ނެތް ހިޔާލީ ދައުވާއެއް ކަމަށެވެ.

އިލެކްޝަންގެ ގާނޫނީ ވަކީލް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ކަންތައްތަކަކީ ހީތަކާއި ވަހުމުތަކެއް ކަމަށާއި އެކަންތައްތައް ޝައްކުގެ ގޮތުގައި ވެސް ނުބެލެވޭ ކަމަށެވެ.

މިއަދުގެ އަޑުއެހުމަށް އިދިކޮޅު ހަތަރު ޕާޓީން ތަދައްޚުލްވެފައިވާ އިރު ޖުމްހުރީ ޕާޓީ އަދި އެމްޑީޕީގެ ފަރާތުންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު 10 ޖަހާއިރު ބާއްވަން ވަނީ ތާވަލްކޮށްފައެވެ.

ނަޝީދު މިއަދުވަނީ ރައްޔިތުންގެ ނިންމުން ބަދަލު ކުރުމުގެ ހައްގެއް ސުޕުރީމް ކޯޓަށް ލިބިގެން ނުވާކަމަށް ވިދާޅުވެ ޓްވީޓު ކުރައްވާފައެވެ.