Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހުސެއިން ސޯލިހުގެ ކެމްޕެއިން ލޯންޗުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ހުސެއިން ސޯލިހުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ހުސެއިން ސޯލިހުގެ ކެމްޕެއިން އިފްތިތާހުކޮށްފައިވަނީ ރޭ ހިތަދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

މި ޖަލްސާގައި ހުސެއިން ސޯލިހު އާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަން އަކާއި، ކެމްޕެއިންނަށް ހާއްސަ ކޮށްގެން ތައްޔާރު ކުރި ލަވަ ހުށަހެށުނެވެ. މި ކެމްޕެއިންގެ ރަސްމީ ލަވައަކީ ހިތަދޫގެ މަޝްހޫރު ލަވަކިއުންތެރިޔާ ސިނާނު (އައްޑޫ ސިނާ) ތައްޔާރުކޮށް ހުށަހަޅައިދިން ލަވައެކެވެ.

ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން ސޯލިހު ވަނީ އޭނާއަށް ރައްްޔިތުން ވޯޓު ދޭން ޖެހޭ ސަބަބު ތަފްސީލުކޮށް ކިޔާ ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް ދެވަނަ ފަހަރަށް ކުރިމަތިލީ މައިގަނޑު ސަބަބަކީ ރައްޔިތުންގެ ސީދާ އަޑު މަޖްލިސްގެ ތަޅުމުގައި އިއްވުމަށް ކަމަށާއި، މަޖްލިސް ތެރޭގައި އިއްވާނީ ސީދާ ރައްޔިތުންގެ އަޑު ކަމަށް ހުސެއިން ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑަށް ވޯޓު ދެއްވަނީ ތިޔަ ރައްޔިތުން، އަޅުގަނޑު ހޮއްވަވާފިއްޔާ އަޅުގަނޑު އިއްވާނީ ރައްޔިތުންގެ އަޑު، އެނޫން މީހަކު ބުނާ ގޮތަކަށް ނަހަދާނަން، ރައްޔިތުން ނޫން ބަޔަކަށް އަޅުގަނޑަށް އަމުރެއް ނުކުރެވޭނެ، އެއްވެސް ލީޑަރަކަށް އަމުރެއް ނުކުރެވޭނެ"

ހުސެއިން ސޯލިހު ވިދާޅުވީ އޭނާގެ އެޖެންޑާ އަކީ "އެޖެންޑާ 1972" ކަމަށާއި، އެއީ އިނގިރޭސިން އައްޑޫގައި ގާއިމް ކުރި ބިނާތައް އައްޑޫން ފަނާ ކުރަން ފެށި ހިސާބުކަމަށެވެ. އަދި މިއަދާއި ހަމައަށް ވެސް އައްޑޫ ރައްޔިތުންނަށް ތަރައްޤީ ގެނެސްދޭން އެއްވެސް ބަޔަކު ހަގީގަތުގައި މަސައްކަތް ނުކުރާ ކަމަށެވެ.

"އައްޑޫގައި ހަތަރު ވެރިން ނަރުދަމާ އިފްތިތާހުކޮށްފި، އެންމެ ފުރަތަމަ ރައީސް މައުމޫން، އޭގެ ފަހުން ރައީސް ނަޝީދު، ދެން ޑރ. ވަހީދު، މިހާރު ދެން ބޭނުންވަނީ އިފްތިތާހު ކުރުމެއް ނޫން، ބޭނުންވަނީ ހިދްމަތް، އިތުރަށް އިފްތިތާހު ކުރާކަށް ބޭނުމެއް ނޫން"

ހުސެއިން ސޯލިހު ވިދާޅުވީ މި ފަހަރު ރައްޔިތުން ވޯޓު ދެއްވައި ހިތަދޫ މެދު ދާއިރާ ގޮޑިއަށް ހޮވައި ދެއްވައިފިނަމަ އައްޑޫގެ އަނެއް 6 މެމްބަރުންނާއި އެކު މުޅި އައްޑޫ ތަރައްޤީ ކުރުމުގައި އިސްކޮށް ހުންނާނެކަމަށާއި، ގާނޫނީ ސަރުކާރު ބަލިކަށިކޮށް ސަރުކާރަށް ޖެއްސުން ކުރާ ބަޔަކާއި ބައިވެރި ނުވާނެކަމަށެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ބުނެލަން އޮތީ ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލައި، ސަރުކާރަށް ޖެއްސުން ކުރާ އެެއްވެސް ބަޔަކާއި ބައިވެރި ނުވާނަން، އަޅުގަނޑު ހުންނާނީ ރައީސް އާއި އެކު އައްޑޫ އަދި މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރުމުގައި"

އިޖުްތިމާއީ މަސައްކަތް ތަކުގައި އިސްކޮށް އަބަދުވެސް ހަރަކާތްތެރިވާ ހުސެއިން ސޯލިހު ފާހަގަކުރެެވިފައިވަނީ އައްޑޫގެ ތަރައްޤީއަށް އަބަދުވެސް ވަކާލާތު ކުރާ، މީހެެއްގެ ގޮތުގައެވެ. އަދި ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި އަބަދުވެސް ރައްޔިތުންނަށް އެހީތެރިވުމުގައި ހުސެއިން ސޯލިހު އަކީ ނަމޫނާ ބޭފުޅެކެވެ.

ހުސެއިން ސޯލިހުގެ ކެންޑިޑޭޓު ނަންބަރަކީ 3 އެވެ.