Last Updated: April 25, 20:50
Thursday, April 25, 2024
ރިޕޯޓް

ޑރ. އަދީލު، އެންމެންގެ އަޑު އިއްވާނެ!

19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ކެމްޕެއިން ކުރިއަށްދާއިރު ސިޔާސީގޮތުން ވަކި އަތަކަށް ބުރަ ނުވާ ގިނަ މީހުންގެ ބަހަކަށް ވެފައި އޮންނަނީ އިންތިޚާބީ މަގާމުތަކަށް ކުރިމަތިލުމަށް ރަނގަޅު މީހަކު އެމީހުންގެ ތެރެއިން ތެދުވެ އަޑުއުފުލަން ބޭނުންނުވާ ކަމެވެ. ކިޔަވައިގެން ހުރި އިލްމީ ގާބިލް މީހުން މި ކަންކަމަށް ކުރިމަތިލާން ފަސްޖެހޭ ކަމެވެ. ވޯޓު ހޯދުމަށް އަންނަ ކޮންމެ މީހަކީ އެމީހެއްގެ ފަހަތުގައި ސިޔާސީ އެޖެންޑާއެއް އޮތް ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ފިއްތުންތަކާއެކު ވޯޓު ހޯދުމަށް އަންނަ ސިޔާސީ ކެންޑިޑޭޓުން ކަމެވެ. އެފަދަ ކެންޑިޑޭޓަކަށް އަމިއްލައަށް ބޭނުންވާ އެއްވެސް ކަމެއް ޕާޓީގެ ހުއްދަނެތި ކުރެވެން ނޯންނަ ކަމެވެ. ޕާޓީތަކުން ކޮންމެ މީހަކު ނެރުނު ކަމުގައިވިޔަސް ދެލޯ މަރާލުމަށްފަހު އެމީހަކަށް ވޯޓުދޭން ޖެހޭ ކަމެވެ!

މަޖިލިސް އިންތިޚާބުގެ އެންމެ ފޯރިގަދަ ވަގުތު މަދުން ނަމަވެސް ކުރިން ދެންނެވިފަދަ ގާބިލް ބޭފުޅުން މިކަމަށް ކުރިމަތި ލައްވަވައިގެން ނިކުންނަވާތަން ފެންނަމުންދެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްކެންޑިޑޭޓަކީ ހިތަދޫ ދެކުނު ދާއިރާއިން އަމިއްލަ، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަވާ ޑރ އަޙްމަދު އަދީލް ނަސީރެވެ.

ތައާރަފް އަދި ތައުލީމީ ހަޔާތް:

ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ފާސް ނަންގަވައިގެން ހުންނެވި ޑރ އަދީލް އަކީ އައްޑޫގެ ގިނަ ބަޔަކު ދަންނަ ނަމެކެވެ. ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލެއްގެ މަގާމު އަދާކުރައްވަވަމުން ގެންދެވި އަދީލަކީ އައްޑޫގެ ތައުލީމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގައި އިސްކޮށް މަސައްކަތް ކުރެއްވެވި އިލްމީ، ގާބިލް ބޭފުޅެކެވެ. ހިތްހެޔޮ، މަޑުމައިތިރި، އެންމެންނާ ވެސް ގުޅޭ ބޭފުޅެކެވެ.

ސ.އަތޮޅު ތައުލީމީ މަރުކަޒުން އަދީލް ފެއްޓެވި ޕްރައިމަރި އަދި ސާނަވީ މަރުހަލާގެ ތައުލީމީ ޙަޔާތް ނިންމާލެއްވެވީ މުހިއްބުއްދީން ސްކޫލުގެ ގްރޭޑް 10 އަކުންނެވެ. ސްކޫލްގައި ކިޔަވަން އުޅުއްވި ދުވަސްވަރު ވެސް މުދައްރިސުން ނުހަނު ލޯބިވާ، ބަސް އަހާ، ކިޔަމަންތެރި ދަރިވަރެއްގެ ގޮތުގައިވި އަދީލަކީ އުނގެނުމުގައި ވެސް ކާމިޔާބު ދަރިވަރެކެވެ. ސްކޫލްގެ އެކި ކަންކަމުގައި ލީޑަރޝިޕް ހުނަރު ދައްކަވާ ކަންކަމުގައި އިސްނެންގެވި، ދަރިވަރުންނާ ގުޅޭ ، ހަމައާއި އިންސާފަށް އަބަދުވެސް ލޯބި ކުރެއްވެވި ހުށިޔާރު ދަރިވަރެކެވެ.

ތައުލީމީ ދާއިރާގައި އަދީލްގެ ހިދުމަތްތައް:

އަދީލް އެންމެ ފުރަތަމަ އަދާކުރެއްވެވި ވަޒީފާއަކީ އަލްމަދްރަސަތުލް އިސްލާމިއްޔާގެ ވަގުތީ މުދައްރިސްކަމުގެ ވަޒީފާއެވެ. 1998 ގައި އަދީލް ފެއްޓެވި މި މަސައްކަތް ވެގެން ދިޔައީ އަދީލްގެ ތައުލީމީ ދާއިރާގެ މަސައްކަތުގެ ފެށުމަށެވެ.

އެހާ ހިސާބުން ޓީޗިން ދާއިރާގައި މަތީ ތައުލީމު ހޯއްދަވައި އެ ރޮނގުން ކުރިއަށް ދިއުމަށް އަދީލް މަސައްކަތް ކުރެއްވެވިއެވެ. ޑިޕްލޮމާއިން ޓީޗިން ނިންމެވުމަށްފަހު ސ.އަތޮޅު ތައުލީމީ މަރުކަޒުގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ދުވަސްވަރު އަދީލްމެންގެ ޓީމް ވެގެން ދިޔައީ ފާހަގަކޮށްލެވޭ ގިނަ ބަދަލުތަކެއް ސްކޫލަށް ގެނުވި، އެ ސްކޫލުގެ ރަންޒަމާން ކަމަށެވެ. އަދި އަދީލް ވެގެން ދިޔައީ ދަރިވަރުން ލޯބިވާ، އުނގަންނައި ދެއްވުމުގައި ކުޅަދާނަ މޮޅު ޓީޗަރަކަށެވެ.

އެއަށްފަހު ސަރުކާރުގެ ސްކޮލާޝިޕެއްގައި ލަންކާގައި ޓީޗިންގ ދާއިރާއިން އެޑްވާސްސްޑް ޑިޕްލޮމާއަށް ކިޔެވުމަށް އަދީލަށް ފުރުސަތު ލިބިލެއްވެވިއެވެ. ނަމަވެސް ސަރުކާރާއި އެކު ކުރެވުނު މަސައްކަތުން އެކޯސް ޑިގްރީއަށް ބަދަލުކުރުމުގައި އަދީލް އިސް ދައުރެއް އަދާކުރެއްވިއެވެ. މިބުރުގައި ރާއްޖޭގެ 18 އަންހެން ދަރިވަރުންނާއި 2 ފިރިހެން ދަރިވަރުން ހިމެނުނު ކަމަށް އަދީލް ވިދާޅުވިއެވެ.

4 އަހަރު ދުވަހުގެ ޑިގްރީ ޕްރޮގްރާމު ލަންކާގައި ފުރިހަމަ ކުރެއްވުމަށްފަހު އަމިއްލަ ރަށުގައި، އިސްލާމިއްޔާ ސްކޫލްގެ ލީޑިން ޓީޗަރެއްގެ ގޮތުގައި އަދީލް މަސައްކަތް ފެއްޓެވިއެވެ. އެ ދުވަސްވަރު އަދީލް މެންގެ ޓީމުން ކުރެއްވެވި ބުރަ މަސައްކަތާއެކު ދަރިވަރުންގެ ނަތީޖާ ބަދަލުކޮށް އެ ސްކޫލަކީ މޮޅެތި ދަރިވަރުން ކިޔަވާ ސްކޫލެއްގެ ގޮތުގައި މުޖުތަމައު ބަލައިގަންނަ ސްކޫލަކަށް ވެގެން ދިޔައެވެ.

އިސްލާމިއްޔާ ސްކޫލްގައި ކުރެވުނު ކާމިޔާބު މަސައްކަތްތަކަކަށް ފަހު ތައުލީމީ ދާއިރާއިން މާސްޓާސް އަށް ކިޔެވުމަށް މެލޭޝިއާއަށް އަދީލް ވަޑައިގަތެވެ. މެލޭޝިއާގައި އެޑިޔުކޭޝަން އިން މެނޭޖްމަންޓްގެ ދާއިރާއިން ތައުލީމު ހާސިލްކުރެއްވުމަށްފަހު އެނބުރި އައްޑޫއަށް ދުރުވެ އައްޑޫގެ އެޑިޔުކޭޝަން ޔުނިޓްގައި ޑެޕިޔުޓީ ޕްރިންސިޕަލެއްގެ ގޮތުގައި އަދީލް މަސައްކަތް ފެއްޓެވިއެވެ.

އެޑިޔުކޭޝަން ޔުނިޓުގައި ކާމިޔާބު ފަޚުރުވެރި މަސައްކަތްތަކެއް ކުރެއްވުމަށްފަހު ޕިއެޗްޑީއަށް ކިޔެވުމަށް އަދީލް ރާއްޖެއިން ބޭރަށް ދުރުވީ އަނބިކަނބަލުން ޑރ އާސިޔަތު މުޙައްމަދު ދީދީއާވެސް އެކީގައެވެ. ޕީއެޗްޑީއާއެކު އަދީލަށް މާލޭގައި ވަޒީފާއަދާކުރެއްވުމަށް ލިބިލެއްވެވި ފުރުސަތުތައް ދޫކުރައްވަވައި އައްޑޫސިޓީއަށް ދުރުވެ އަމިއްލަ ރަށުގައި މަސައްކަތް ފެއްޓެވީ އަމިއްލަ ރަށަށް ޚިދުމަތް ކޮށްދެއްވުމަށް ބޭނުންވެ ލައްވަވާތީއެވެ. އަމިއްލަ އާއިލާއާއި އެކު ދިރިއުޅެ، އުފަން ފަސްގަނޑަށް ޚިދުމަތް ކޮށްދިނުމަށް ޝައުގުވެރިވެ ލައްވަވާތީއެވެ.

ތައުލީމީ ދާއިރާގައި ފަހަރަކު ހަރުފަތެއް ގިރާކުރައްވަވައި ކޮންމެ ހަރުފަތަކާއެކު އައްޑޫއަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކޮށްދެއްވެވި އަދީލް ޕީއެޗްޑީގެ ސަނަދާއެކު ޑރ އަދީލްގެ ގޮތުގައި އައްޑޫއަށް ދުރުވެ ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ފެއްޓެވިއެވެ.

ކީއްވެ މިފަހަރު އަދީލު؟

ޑރ އަދީލް ފާހަގަކުރެވެނީ އުސޫލުތަކުގައި ހިފަހައްޓަވާ ހަރުދަނާ ބޭފުޅެއްގެ ގޮތުގައެވެ. އަދި މުވައްޒަފުންނަށް ހެޔޮ އެކުވެރި ވެރިއެއްގެ ގޮތުގައެވެ. ޓީމެއް ގޮވައިގެން މަސައްކަތް ކުރެވޭ ގާބިލް ލީޑަރެއްގެ ގޮތުގައެވެ. މި ހުރިހާ ސިފަތަކާއެކު ޑރ އަދީލް ބޭނުންވެ ލައްވަވަނީ އަމިއްލަ ދާއިރާއިން މަޖިލިހުގެ ގޮނޑިއެއް ކާމިޔާބު ކުރައްވަވައި ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތް ކޮށްދެވުމަށެވެ.

ރައްޔިތުންގެ މަޖިލިހުގައި އިލްމީ ގާބިލް ބޭފުޅުން ނެތް ކަމަށް ރައްޔިތުން ކުރާ ޝަކުވާއަށް ނިމުމެއް ގެނެސް ދިނުމަށެވެ. ރައްޔިތުންގެ އަޑު މަޖިލިހުގައި އިއްވައިދީ ކާމިޔާބު މަސައްކަތްތަކެއް ކުރެއްވުމަށެވެ.

އަދީލުގެ ސިޔާސަތުތައް ކުރު ގޮތަކަށް:

ބާރުތަކަށް ސަލާންޖަހަން ނުޖެހޭވަރަށް އައްޑޫ ސިޓީ ކައުންސިލަށް ގާނޫނީ ބާރުވެރިކަން ހޯދައިދިނުމާއި އައްޑޫގެ ސްކޫލްތަކުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހަމަކުރުމުގެ އިތުރުން ފަންނުވެރި ޒުވާނުން އިތުރުކުރުމަށް ފުރިހަމަ ޕޮލިޓެކްނިކް ސެންޓަރެއް އައްޑޫގައި ޤާއިމުކުރުމަކީ ޑރ. އަދީލް ވަކާލާތުކުރައްވާނޭ ކަންތައްތަކެވެ.

މީގެ އިތުރުން އާއިލީ ދުޅަހެޔޮކަމަށް އެންމެ ބޭނުންވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމާއި ސަލާންޖަހަން ނުޖެހޭނެ ސިއްޙީ ނިޒާމެއްގެ ގާނޫނު ތައާރަފްކުރުމާއެކު ޢާއިލާއާއެކު ދަތުރު ދާނެ ރަށެއް ތަރައްޤީކުރުމަކީ ޑރ އަދީލް މުއައްސަސާތަކާ ގުޅިގެން ކުރައްވާނޭ މުހިއްމު މަސައްކަތްތަކެވެ.

ހަމަ މިއާއެކު ކުޅިވަރުތަކުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފެށުމާއި ގަމަކީ އައްޑޫގެ އިޤުތިސާދީ މައި ހަބަކަށް ހެދުމަށް މަޖިލިހުގެ ތެރެއިން މަސައްކަތް ކުރެއްވުމަށް ޑރ އަދީލް ބޭނުންވެ ލައްވަވައެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް އައްޑޫގައި ފުޅާކުރުމާއި ޝަރުއީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްކުރުމަކީ މަޖިލިސް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިލައްވަވައިފިނަމަ ޑރ އަދީލް ކުރައްވަވާނެ ކަންތައްތަކެވެ.

ކާމިޔާބު ގިނަ މަސައްކަތް ތަކާއެކު އަދީލް ބޭނުންވެ ލައްވަވަނީ ފުރުސަތެކެވެ. ދާއިރާގެ ރައްޔިތުން އެފަދަ ފުރުސަތެއް ދެއްވަވައިފިނަމަ ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރެއްވުމަށް އަދީލް ހުންނެވީ ތައްޔާރަށެވެ. ޑރ. ޢަދީލްގެ ކެންޕޭން ޝިއާރަކީ "އެންމެންގެ ޢަދީލް – އަފިރިންގެ ޢަދީލް" މިއެވެ.