Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބަހުސްއިން އެކަނި ގޮތް ނުނިންމޭ: ނިޒާރު

ޓީވީއެމް އިން ގެނެސްދެމުންދާ "މަޖިލިސް ބަހުސް" ގައި ކެންޑިޑޭޓުން ދައްކާ ވާހަކައިން އެކަނި ގޮތް ނުނިންމޭ ކަމަށާއި، ނަމަވެސް ބަހުސްއިން އެ ކެންޑިޑޭޓަކަށް ރައްޔިތުން ތަމްސީލު ކުރެވޭނެ ދަރަޖަ އެނގިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިފަދައިން ވިދާޅުވެފައިވަނީ އައްޑޫގެ ހަ ދާއިރާގެ ބަހުސް ޓީވީއެމްއިން ކުރިއަށް ގެނެސްދީފައި ވަނިކޮށެވެ. ޓީވީއެމް ދާއިރާގެ ބަހުސް ތަކަކީ ކޮންމެ ދާއިރާއެއްގެ ރައްޔިތުންވެސް ހާއްސަ އިސްކަމެއްދިގެން މިހާރު ބަަލަމުން އަންނަ ބަހުސެކެވެ.

ބައެއް ކެންޑިޑޭޓުންނަށް ބަހުސްގައި ބައިވެރިވާން ޖެހިލުންވާ އިރު އަނެއް ބައި ކެންޑިޑޭޓުންގެ ގާބިލްކަން ބަހުސްގައި ލިބޭ މަދު މިނިޓްކޮޅުގައި ހާމަކޮށްލައެވެ.

އިއްޔެ އާއި ރޭ ހިތަދޫގެ ތިން ދާއިރާގެ ބަހުސް ބާއްވާފައިވާ އިރު އެދާއިރާ ތަކުގެ ބަހުސް އާއި ގުޅޭ ގޮތުން ރައްޔިތުންގެ ތަރޭގައި ވަނީ ފޯރި ގަދަވެފައެވެ. އެގޮތުން ހިތަދޫ މެދު ދާއިރާ އަދި ހިތަދޫ ދެކުނު ދާއިރާގެ ބަހުސްއަށް ބޮޑު ސަމާލުކަމެއްވަނީ ލިބިފައެވެ.

ނިޒާރު އަކީ މަޖްލިސް ތަޅުމުގައި ހަރު އަޑުން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެއްވި މެމްބަރެކެވެ. ނަމަވެސް މިފަހަރުގެ ޕްރައިމަރީގައި ހިތަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައި ނިޒާރުވަނީ ބަލިވެފައެވެ.