Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

މަޖިލީހަށް ވަންނަނީ ބަޣާވާތްކޮށް ސަރުކާރު ހުއްޓުވާކަށް ނޫން: ޖިނާން

މުހައްމަދު ޖިނާން ޖަލީލް - ފޮޓޯ: ޕީއެސްއެމް

ރައްޔިތުންގެ މަޖިލީހަށް ވަންނަނީ ބަޣާވާތްކޮށް ސަރުކާރު ހުއްޓުވުމަށް ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާ އަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ޖިނާން ޖަލީލު ވިދާޅުވެއްޖެއެވެ.

ޓީވީއެމް އިން ގެނެސްދިން "މަޖިލިސް ބަހުސް" ގައި ވާހަކަދައްކަމުން ޖިނާން ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ހުންނެވި ނަމަވެސް މަޖިލީހަށް އިންތިހާބުވެއްޖެނަމަ ބަޣާވާތްކޮށް ސަރުކާރު ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

"ފާއިތުވި ދުވަސްތަކުގައި އެނގޭނެ ޕީޕީއެމް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ސަރުކާރު ބަރާބަރަށް ޖަވާބުދާރީ ކުރުވައިގެން އަދި ސަރުކާރަށް ބަރާބަރަށް އެއްބާރުލުން ދީފައިވޭ. މިހާރުވެސް މިތިބީ ހަމަ އެ ގޮތުގައި. އެއްވެސް ހާލެއްގައި ޖެއްސުން ކުރާކަށް ނޫޅެން" ޖިނާން ވިދާޅުވިއެވެ.

އެމްޑީޕީގެ އެޖެންޑާ 19 އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ކަމަށާއި ކޮންމެ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް އެވަގުތަކު ރައީސް އަކަށް ހުންނަ ފަރާތަކަށް ވައުދުތައް ފުއްދުމަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށްވެސް ޖިނާން ވިދާޅުވިއެވެ.

"އުނދަގޫތަކެއްކޮށް އެ ކަންކަން ހުއްޓުވާކަށް ނެތިން" ޖިނާން ވިދާޅުވިއެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ޖިނާންއާ ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު އަސްލަމް އާއި އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު މުހައްމަދު (ފަޒާ އަހުމަދު) އާއި އަމިއްލަ ގޮތުން ވާދަކުރައްވާ އަލީ އިބްރާހިމްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ސައީދުއެވެ.