Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ސިރާޖު އަދުރޭ އަށް: ވޯޓު ގުނި ވަރަކަށް ވާނީ ފަޟީހަތް!

ލ.ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތައް ގުނި ވަރަކަށް ވާނީ ފަޟީހަތް ކަމަށް ވިދާޅުވެ، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖު، އެ ދާއިރާ އިން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަދުރޭ އަށް ލިބިވަޑައިގެންފައިވަނީ 963 ވޯޓެވެ. ސިރާޖަށް ލިބިވަޑައިގެންފައިވަނީ 1007 ވޯޓެވެ.

ނަމަވެސް އަދުރޭގެ އެދުމުގެ މަތިން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފޮނަދޫ ދާއިރާގައި ބާތިލު ވޯޓުތައް ހުރި ހުރިހާ ވޯޓު ފޮށްޓެއް އަލުން ގުނުމަށް ނިންމާފައެވެ.

މިކަމާ ގުޅިގެން ސިރާޖު ވިދާޅުވީ ވޯޓު ފޮށި ހުޅުވައިގެން ގުނި ވަރަކަށް ވާނީ ފަޟީހަތް ކަމަށާއި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށެވެ. އެގޮތުން ފޮނަދޫ ދާއިރާގެ ރައްޔިތުން ވަގުންނަށް މިހާރު ނޭދޭ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާގެ އިތުރުން ބާރަށު ދާއިރާގެ ބާތިލު ވޯޓުތައް ހުރި ހުރިހާ ވޯޓު ފޮށްޓެއް ވެސް އަލުން ގުނުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ބާރަށު ދާއިރާގެ ވަގުތީ ނަތީޖާގެ ދައްކާ ގޮތުން އެ ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ އިބްރާހިމް ޝުޖާއު އާއި ވާދަކޮށް ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުﷲ އެވެ.

އެގޮތުން އަހްމަދު އަބްދުﷲ އަށް 1524 ވޯޓު ލިބިވަޑައިގެންނެވި އިރު، މިހާރު ވެސް މެމްބަރުކަން ކުރައްވާ ޝުޖާއު އަށް ލިބިވަޑައިގެންނެވީ 1482 ވޯޓެވެ.