Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު ރައީސް ޔާމީން

ހުވަފެންތަކުގައި ކުލަ ޖެހޭނީ ކައުންސިލް އިންތިޚާބު ލިބުމުން: ޔާމީން

ރައީސް ޔާމީން މ. ދިއްގަރަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރައްވަނީ--

މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބަށް ނިކުންނެވީ ވަރަށް ގިނަ ހުވަފެންތަކެއް ދެކިގެން ކަމަށާއި އިންތިޚާބުން ނާކާމިޔާބު ވުމަށްފަހު އެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ލިބޭނެ އެންމެ ފަހު ފުރުސަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީނަށް ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި، ރިޔާސީ އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދައި ބަލި ގަބޫލު ނުކުރެއްވުމުގެ ގޮތުން ކޮންމެވެސް ވާހަކަފުޅެއް ދައްކަވައެވެ. މިއަދު މ. ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވެސް ވަނީ އިންތިޚާބު ކާމިޔާބުކުރުމަށް މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން ޖެއްސި މަޅިތައް އެނގޭނެ ދުވަހެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް އޮޅިފައިނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި މިޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދިއްގަރު ތަރައްގީ ކުރެއްވީ މެމްބަރެއް ނެތި ކަމަށެވެ. 18 ވަނަ މަޖިލީހުގައި ދިއްގަރު ތަމްސީލު ކުރެއްވި މުހައްމަދު ނާޒިމްއާއި އަހުމަދު ފާރިސް މައުމޫން ޖަލަށް ލެއްވުމުން ގޮނޑި ހުސްވި ދުވަސްތަކަށް އަލިއަޅުވާލަމުން ޔާމީން ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރަށް ކުރެވޭހާވެސް ކަމަކީ އެމަނިކުފާނު ގެނެސްދެއްވި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، ނުނިމި ހުރި މަޝްރޫއުތައް ނިންމުން ކަމަށް ޔާމީން ވިދާޅުވިއެވެ. އާ މަސައްކަތެއް ކުރުމަށް ވަގުތެއް ނުލިބޭ ކަމަށާއި ކުރާ މަސައްކަތް ވެސް ކުރެވެނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ސަރުކާރުގެ ގާބިލުކަމާ މެދު ސުވާލު އުފެއްދެވިއެވެ.

ޔާމީން ވިދާޅުވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ބަޔަކަށް ލީޑަރުން ނުވާ ކަމަށާއި، ލީޑަރުން ރައްޔިތުން މަތިން ހަނދާން ވަނީ ވަކި ދުވަސްވަރެއްގައި ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ދިއްގަރު ދާއިރާގެ ތިން ގޮނޑިވެސް ޕީޕީއެމަށް ދެއްވުމަށް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.

އެންމެ ފަހަކަށް ބޭއްވުނު ތިން އިންތިޚާބުން ވެސް ރައީސް ޔާމީނާއި ޕީޕީއެމް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާއިރު އެމަނިކުފާނު ވަނީ އަންނަ އަހަރު ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބަށް ވަރަށް ކުރީއްސުރެ ތައްޔާރު ވާން ފަށާފައެވެ. މީގެ ކުރިން އދ. އަށް ވެސް ކެމްޕޭނު ދަތުރެއް ކުރައްވާފައިވާއިރު މިހާރު ފައްޓަވާފައިވަނީ މ. އަތޮޅަށް ކުރައްވާ ދަތުރުފުޅެކެވެ.