Last Updated: April 20, 10:49
Saturday, April 20, 2024
ޚަބަރު ރައީސް ނަޝީދު

ބިލު ޑްރާފްޓުކުރުމާ ގުޅޭގޮތުން ރައީސް ނަޝީދު ގަދަބަސް އިއްވައިފި

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ / މަޖިލިސް

ސަރުކާރުން މަޖިލީހަށް ހުށައަޅާ ބިލުތައް ޑްރާފްޓް ކުރަން މަޖިލީހުން ފެށުމުން ސަރުކާރާއި ބަންޑާރަނައިބު ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށް މަޖިލީހުގެ ރައީސް އެކަމާ ގުޅިގެން މިއަދުގެ މަޖިލީހުގައި ބިލް ޑްރާފްޓް ކުރާނީ މަޖިލީހުން ކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ބައެއް ކަންތައްތަކާ ގުޅޭގޮތުން ބައެއް މެމްބަރުންނަށް އޮޅިވަޑައިގެންފައި އޮވެދާނެތީ އެކަން އަނެއްކާވެސް ފާހަގަކުރާ ކަމަށެވެ. ބިލްތައް ހަދާނީ މަޖިލީހުން ކަމަށާއި ބަންޑާރަ ނައިބަށް މިމަޖިލީހަށް ބިލް ހުށައެޅުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޒާހަތްތެރި މަޖިލީހަކުން ސަރުކާރުން ވި ވައުދުތައް ފުއްދުމަށް ބިލް ހުށައަޅަން ފުރުސަތު ދެއްވާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވާއިރު އެވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، ނަޒާހަތްތެރިކަމާ ގުޅިފައި އޮންނާނީ މަޖިލީހުގެ ވަސީލަތްތައް ބޭނުން ކޮށްގެން މެންބަރުންގެ ގޭގެ ލައިގެންކާނެ އެއްޗެއްސަށް ނުވަތަ އަންނައުނަށް ހަރަދު ކުރާކަށް ނޫން ކަމަށެވެ.

މަޖިލީހުން ކުރާނެ މަސައްކަތަކީ އަދި މަޖިލީހުގެ ވަސީލަތްތައް ބޭނުންކުރާނެ ކަންތައްތަކަކީ ގާނޫނު ހެދުން ކަމަށާއި އެހެން ބޭނުމެއްގައި ވަސީލަތްތައް ބޭނުން ނުކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް ލިބިފައި އޮތް ނަމަވެސް މަޖިލީހުގެ ރައިސާއި ދައުލަތުގެ އެންމެ މަތީ ވެރިޔާ، ރައީސުލް ޖުމުހޫރިއްޔާ އާ ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިފައިވާ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދެ ރައީސުންވެސް އެވާހަކަ ދޮގުކުރައްވާއިރު މިއީ އަނެއްކާވެސް އެވާހަކައަށް ބުރަވެވޭ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.