Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ކޮރޯނާ ވައިރަސް

އައްޑޫން ވޫހާން ވައިރަސްއަށް ސްކްރީން ކުރަން ތައްޔާރުވެއްޖެ

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާ ހަރުކޮށްފިއެވެ.

ޕަބްލިކް ހެލްތުގެ އޮފިޝަލަކު ވިދާޅުވީ މާދަމާ ސ. ގަމަށް އަންނަ ސްރީލަންކަންގެ ޝެޑިއުލް ފްލައިޓުން އަންނަ ހުރިހާ ޕެސިންޖަރުން ސްކްރީން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސ. ގަމުގައި ޕެސިންޖަރުން ސްކްރީން ކުރުމަށް ކެމެރާ ހަރުކުރި އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރުވެސް އަންނަނީ ބައްޔަށް ސްކްރީން ކުރަމުންނެވެ. މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިތުރު ކެމެރާ ހަރުކުރުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަކީ ގިނަ އަދަދެއްގެ ޗައިނާ ފަތުރުވެރިން އަންނަ ގައުމަކަށްވެފައި މިދުވަސްވަރަކީ ޗައިނީސް ނިއުއިޔާކަމަށް ވުމުން ގިނަ ބަޔަކު ދަނީ އެކި ގައުމުތަކަށް ދަތުރުކުރަމުންނެވެ. އެހެންވެ މި ބަލި ރާއްޖެއަށް އައުން ކައިރިކަމަށް ސިއްހީ މާހިރުން ވަނީ އިންޒާރުދީފައެވެ.

ސާސް އާއި އެއްގޮތްކަމެއް ހުންނަ ކްރޯނާ ވައިރަސް ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީންނެވެ. މި ސިޓީ މިހާރު ކަރަންޓީނު ކޮށްފައިވާ އިރު މިހާތަނަށް 894 މީހަކަށް މި ބަލިވަނީ ޖެހިފައެެވެ. އަދި ބަލީގައި މީހަކު މަރުވެފައިވާ އިރު ހުރިހާ މީހުން މަރުވެފައިވަނީ ވޫހާން ސިޓީންނެވެ. އެސީޓިގައި ބަލި ޖެހިފައިވާ 875 މީހަކު އެބަތިއްބެވެ.

މިހާތަނަށް މި ބަލި 10 ގައުމަކުން ފެނިފައިވާ އިރު މި ބައްޔަށް އެއްވެސް ވެކްސިނެއް އަދި ފަރުވާއެއް ހޯދިފައި ނުވެއެވެ. ބަލި ހަލުވި ކަމާއި އެކު ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބައްޔަށް ސަމާލުވުމަށް އަންގައި، ބަލީގެ ހާލަތު ކައިރިން ބަލަން ފަށާފައެވެ.