Last Updated: March 29, 10:07
Friday, March 29, 2024
ޚަބަރު

ވޫހާން ހޮސްޕިޓަލުގެ ޑޮކްޓަރެއް މަރުވެއްޖެ

ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ޖެހުނު ޗައިނާގެ ވޫހާން ހޮސްޕިޓަލުގެ ޑޮކްޓަރަކު މަރުވެއްޖެއެވެ.

ޗައިނާގެ ގްލޯބަލް ޓެލެވިޝަން ނެޓްވޯކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުވެފައިވަނީ ހުބޭ ޒިންހާ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އައި އުމުރުން 62 އަހަރުގެ ލިއަންގ ވުޑޮންގ ނަމަކަށް ކިޔާ ޑޮކްޓަރެއް ކަމަށެވެ.

އޭނާއަކީ ވައިރަސް ފެތުރެން ފެށިއިރު ބަލިމީހުން ބަލަމުން ދިޔަ ޑޮކްޓަރެއް ކަމަށާއި، އޭނާއަކީ އެންމެ ފުރަތަމަ ބައްޔަށް ޕޮސިޓީވް ވި މީހުންގެ ތެރޭގައި ވެސް ހިމެނޭ މީހެއް ކަމަށް ޚަބަރު ލިބެއެވެ.

ނުރައްކާތެރި، ގައިން ގަޔަށް އަރާ މިބަލީގެ ސަބަބުން މިހާތަނަށް 41 މީހަކު މަރުވެފައިވާއިރު ހަލުވި ކަމާއެކު ބަލި ފެތުރެމުން އެބަ އާދެއެވެ. އެމެރިކާ، ފްރާންސު، ތައިލެންޑް އަދި ސައުދީ އަރަބިއްޔާ އިން ވެސް ބަލި ފެނިފައިވާ ކަން އެގައުމުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޗައިނާއިން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، އެންމެ ފުރަތަމަ ފެނުނު ވޫހާން ސްޓޭޓް ބަންދުކޮށްފައެވެ. އެތަނުގައި އައްޑޫގެ ދެމަފިރިންނާއި އެމީހުންގެ ދެ އަހަރު ނުވާ ތުއްތު ދަރިފުޅު ވެސް ވަނީ ބޭރުވާނެ ގޮތެއް ނެތި ތާށިވެފައެވެ.

ދިވެހި ސަރުކާރުން މިހާރު އަންނަނީ ޗައިނާ ސަރުކާރާއި ވާހަކަ ދައްކައި އެ ސްޓޭޓުގައި ތިބި ދިވެހިން ގައުމަށް ގެނެވޭނެ ގޮތެއް އިންތިޒާމު ކުރަމުންނެވެ.