Last Updated: April 19, 21:43
Friday, April 19, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 5974 އަށް، 132 މަރު!

ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްގައި މަރުވި މީހުންގެ އަދަދު 132 އަށް އަރައިފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނީ އިއްޔެގެ ނިޔަލަށް މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 5974 އަށް އަރާފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އެކަނި ވެސް މި ބައްޔަށް އިތުރު 1459 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 132 އަށް އަރާފައިވާއިރު، ޗައިނާގެ ވޫހާން ސިޓީގެ ހުބެއި ޕްރޮވިންސުން އިއްޔެ ވަނީ މި ބަލީގައި 25 މީހަކު މަރުވެފައެވެ. ވޫހާން ސިޓީ އަކީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސިޓީއެވެ. މިހާތަނަށް މި ބަލީގައި މަރުވެފައިވާ އެންމެން ވެސް ނިސްބަތްވަނީ ޗައިނާ އަށެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ވެސް މިދިޔަ މަހުގެ ފަހުކޮޅު ވޫހާން ސިޓީންނެވެ. ނަމަވެސް ވޫހާންގެ އިތުރުން ޗައިނާގެ އިތުރު ސިޓީތަކުން މި ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު އެގައުމުގެ ބައެއް ސިޓީތަކުން މީހުން ދަތުރުކުރުމާއި އަދި އައުން ވެސް ވަނީ މަނާކޮށްފައެވެ.

ޗައިނާގެ އިތުރުން ތައިލޭންޑް އާއި ވިއެޓްނާމް އާއި ދެކުނު ކޮރެޔާ އާއި ސިންގަޕޫރް އާއި ޓައިވާންގެ އިތުރުން އެމެރިކާ އާއި ފްރާންސް އާއި ނޭޕާލް އާއި ސްރީލަންކާ އާއި މެލޭޝިއާ އާއި ޖަރުމަނުގެ އިތުރުން ކެމްބޯޑިއާ އިން ވެސް ވަނީ މި ބަލި ޖެހިފައިވާ މީހުން ފެނިފައެވެ.

ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.