Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ވައިރަސްގައި މަރުވި މީހުންގެ އަދަދު 300 އަށް އަަރައިފި

ޗައިނާގެ ވޫހާން ސިޓީން އުފަންވި ކޮރޯނާ ވައިރަސްގައި މަރުވި މީހުންގެ އަދަދު 300 އަށް އަަރައިފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނި ވެސް ވަނީ މި ބަލީގައި 45 މީހަކު މަރުވެ 2،590 މީހުންނަށް މި ބަލި ޖެހިފައެވެ.

މި ބަލީގައި އިއްޔެ މަރުވި އެންމެންނަކީ ވެސް ޗައިނާގެ ހުބެއި ޕްރޮވިންސުން މަރުވި މީހުންނެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 1،921 މީހުން ނިސްބަތްވަނީ ވެސް އެ ޕްރޮވިންސަށެވެ.

މި އަދަދުތަކާއެކު މި ބަލީގައި ޗައިނާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 304 އަށް އަރާފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،380 އަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން ކަމަށްވީ ނަމަވެސް މި ބަލި ޖެހިފައިވާ މީހުންތައް ޗައިނާގެ އެހެން ސިޓީތަކުންނާއި އަދި ބައެއް އެހެން ގައުމުތަކުން ވެސް މިހާރު އަންނަނީ ފެންނަމުންނެވެ. އަދި ޗައިނާ އަށް ދަތުރުކޮށްފައިނުވާ މީހުންނަށް ވެސް މި ބަލި ޖެހެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މި ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާ އިން މަސައްކަތް ކުރާއިރު ބައެއް ގައުމުތަކުން މިހާރު ވަނީ ޗައިނާ އަށް ކުރާ ދަތުރުތައް ހުއްޓާލުމަށްފަހު އެގައުމުތަކުގައި ތިބި ރައްޔިތުން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ.