Last Updated: April 25, 21:20
Thursday, April 25, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ވައިރަސް ޖެހިފައިވާ 400 އަށް ވުރެ ގިނަ މީހުންގެ ހާލު ވަރަށް ސީރިއަސް!

ޗައިނާގެ ވޫހާން ސިޓީން އުފަންވި ކޮރޯނާ ވައިރަސް ޖެހިފައިވާ 400 އަށް ވުރެ ގިނަ މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކަމިޝަނުން ބުނީ ވޫހާން ވައިރަސް ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކަމަށާއި، އިތުރު 45 މީހަކު ބަލީގައި މަރުވެފައިވާ ކަމަށެވެ. އަދި މިހާރުވެސް ފަރުވާ ދެމުންދާ 440 މީހުންގެ ހާލުވަރަށް ސީރިއަސް ކަމަށެވެ.

ޗައިނާގެ އެކި ސަރަހައްދުތަކަށް ބަލާއިރު މި ބަލި ޖެހިފައިވާ 14،380 މީހުން އެބަތިއްބެވެ. އަދި މިހާތަނަށް މަރުވި ގިނަ މީހުންނާއި އަލަށް ބައްޔަށް ޕޮޒިޓިވް ވި ގިނަ މީހުން ނިސްބަތްވަނީ ހުބޭއި ސަރަހައްދަށެވެ. އެ ސަރަހައްދުން އަލަށް 1960 މީހަކު ވަނީ ފެނިފައެވެ.

ބަލި ޖެހިފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު ހުބޭއިން އެކަނި 9,074 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ޔުނިވާސިޓީ އޮފް ހޮންކޮންގުގެ ސައިންސްވެރިން ލަފާ ކުރާ ގޮތުގައި މި ބަލީގެ އަސަރު ވޫހާންގައި ދިރިއުޅޭ 75,815 މީހުންނަށްވަނީ ކޮށްފައެވެ. އަދި މިހާރުވެސް 43,121 މީހުން އޮބްޒަވޭޝަންގައި ތިބި ކަމަށް ޗައިނާ ނޫސްތަކުން ރިޕޯޓުކުރެއެވެ.

މި ބަލީގައި މިހާތަނަށް 305 މީހުން މަރުވެފައިވާ އިރު ދުނިޔޭގެ 23 ގައުމަކުން ބަލި ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ.

މިއަދުގެ ވަގުތެއްގައި ޕިލިޕީންސުން ވަނީ މި ބަލީގައި މީހަކު މަރުވެފައެވެ. މި މީހާއަކީ މި ބަލީގައި ޗައިނާ ނޫން ގައުމަކުން މަރުވި ފުރަތަމަ މީހާއެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 300އަށް ވުރެ ގިނަ މީހުން ފަރުވާއަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ޗައިނާގެ ހެލްތު ކަމިޝަނާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.