Last Updated: March 28, 18:00
Thursday, March 28, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަސް: 632 މީހަކަށް ފަރުވާދީ ރަނގަޅުކޮށްފި

ކޮރޯނާ ވައިރަސް ޖެހުނު 600 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީ ރަނގަޅުކޮށްފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ނެރެފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ޗައިނާގެ ހޮސްޕިޓަލުތަކުން ވަނީ މި ބަލި ޖެހުނު 632 މީހަކަށް ފަރުވާދީ ރަނގަޅުކޮށް ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އެ ކޮމިޝަނުން ބުނާ ގޮތުގައި މި ބަލި ޖެހިފައިވާ މީހުން ހޮސްޕިޓަލުތަކުން ދޫކޮށްލަނީ ބަލީގެ އަލާމާތްތައް އިތުރަށް ފެންނަން ނެތުމުންނާއި، މީހާގެ ފިނިހޫނުމިން ތިން ދުވަސް ވަންދެން ނޯމަލް ވަރެއްގައި ހުރުމުންނާއި، އަދި ބަލި ޖެހިފައިވާ މީހުން ރަނގަޅުވިތޯ ބެލުމަށް ހާއްސަ ޓެސްޓެއް ދެ ފަހަރު ހަދައި، އެ ދެ ފަހަރުވެސް ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމުން ކަމަށެވެ.

އިއްޔެގެ ނިޔަލަށް މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 426 އަށް އަރާފައިވާއިރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 19،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބައްޔަށް ޝައްކު ކުރެވޭ 23،214 ކޭހެއް ވެސް އިއްޔެގެ ނިޔަލަށް ވަނީ ފެނިފައެވެ.

މި ބަލީގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ ޗައިނާގެ ހުބެއި ޕްރޮވިންސުންނެވެ. އެގޮތުން އެ ޕްރޮވިންސުން ވަނީ މި ބަލީގައި 414 މީހަކު މަރުވެފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.