Last Updated: April 20, 19:35
Saturday, April 20, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަސް: އިއްޔެ އެކަނިވެސް ޗައިނާ އިން 65 މަރު

ކޮރޯނާ ވައިރަސްގައި އިއްޔެ އެކަނިވެސް ޗައިނާ އިން 65 މީހުން މަރުވެއްޖެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނި ވެސް ވަނީ ޗައިނާގެ ހުބެއި ޕްރޮވިންސުން ބަލީގައި 65 މީހަކު މަރުވެ 3،156 މީހުންނަށް މި ބަލި ޖެހިފައެވެ. ހުބެއި ޕްރޮވިންސަކީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސިޓީ އެވެ.

މިހާތަނަށް ހުބެއި ޕްރޮވިންސުން މި ބައްޔަށް 16،678 މީހުން ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 12،627 މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި 771 މީހުން ތިބީ ސީރިއަސް ހާލަތުގައެވެ.

މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 490 އަށް އަރާފައެވެ. މި ބަލީގައި ދެ މީހުން ފިޔަވައި ދެން އެންމެން ވެސް މަރުވެފައިވަނީ ޗައިނާ އިންނެވެ އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 23،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން ކަމަށްވީ ނަމަވެސް މި ބަލި ޖެހިފައިވާ މީހުންތައް ޗައިނާގެ އެހެން ސިޓީތަކުންނާއި އަދި ބައެއް އެހެން ގައުމުތަކުން ވެސް މިހާރު އަންނަނީ ފެންނަމުންނެވެ. އަދި ޗައިނާ އަށް ދަތުރުކޮށްފައިނުވާ މީހުންނަށް ވެސް މި ބަލި ޖެހެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.