Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަސް: ރަނގަޅުވި މީހުންގެ އަދަދު 1000 އަށް ވުރެ މައްޗަށް

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދީ ރަނގަޅުކޮށްފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ނެރެފައިވާ ހިސާބުތަކަށް ބަލާއިރު މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 1،153 މީހަކަށް ފަރުވާދީ ރަނގަޅުކޮށް ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް މި ބަލި ޖެހުނު މީހުންގެ ތެރެއިން 261 މީހަކު ވަނީ ފަރުވާ އަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އެ ކޮމިޝަނުން ބުނާ ގޮތުގައި މި ބަލި ޖެހިފައިވާ މީހުން ހޮސްޕިޓަލުތަކުން ދޫކޮށްލަނީ ބަލީގެ އަލާމާތްތައް އިތުރަށް ފެންނަން ނެތުމުންނާއި، މީހާގެ ފިނިހޫނުމިން ތިން ދުވަސް ވަންދެން ނޯމަލް ވަރެއްގައި ހުރުމުންނާއި، އަދި ބަލި ޖެހިފައިވާ މީހުން ރަނގަޅުވިތޯ ބެލުމަށް ހާއްސަ ޓެސްޓެއް ދެ ފަހަރު ހަދައި، އެ ދެ ފަހަރުވެސް ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމުން ކަމަށެވެ.

އިއްޔެގެ ނިޔަލަށް މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 564 އަށް އަރާފައިވާއިރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 27،000 އަށް ވުރެ މައްޗަށް އަރާފައެވެ.

މި ބަލީގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ ޗައިނާގެ ހުބެއި ޕްރޮވިންސުންނެވެ. އެގޮތުން އެ ޕްރޮވިންސުން ވަނީ މި ބަލީގައި 549 މީހަކު މަރުވެފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.