Last Updated: May 11, 06:48
Saturday, May 11, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ވައިރަހުގެ ނުރައްކާ ސަމާލުކަމަށް ގެނައި ޑޮކްޓަރު މަރުވެއްޖެ

ކޮރޯނާ ވައިރަސް ފެތުރެން ފެށުމުގެ ކުރިން އޭގެ ނުރައްކާ އާންމުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނައި ޑޮކްޓަރު މަރުވެއްޖެ އެވެ.

ޗައިނާ އަށް އުފަން ލީ ވެންލިއާންގެ މަރުވެފައިވަނީ މި ބައްޔަށް ޕޮޒިޓިވްވެ ފަރުވާ ކުރަމުންދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. އޭނާ އަކީ ޗައިނާގެ ވޫހާން ސިޓީގެ ސެންޓްރަލް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރެކެވެ.

ޑރ.ލީ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ނުރައްކާތެރި ބައްޔެއްގެ ނުރައްކާ އޮތްކަން އޭނާ އާއެކު މަސައްކަތް ކުރާ ޑޮކްޓަރުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން މި ބަލިން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް ލީ ވަނީ އެދިފައެވެ.

މިކަން ސަމާލުކަމަށް ގެނައިތާ ހަތަރު ދުވަސް ފަހުން ވޫހާންގެ ސަލާމަތީ ބާރުތަކުން ވަނީ ލީ ދިރިއުޅޭ ގެއަށް ގޮސް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ތުހުމަތުކޮށް، އެ ބައްޔާ ގުޅޭ އިތުރު މައުލޫމާތު ހާމަނުކުރަން އެއްބަސް ކުރުވާ ލިޔުމެއްގައި ސޮއިކުރުވާފައެވެ.

އަދި އޭގެ ދުވަސްތަކެއްފަހުން މާބޮޑަށް ބަލިވުމުން އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ ލީ ވަނީ ތަފާތު އެކި ޑޮކިއުމެންޓުތައް އާންމުކޮށް، މި ބައްޔާ ގުޅޭ ގޮތުން އިންޓަވިއުތައް ވެސް ދީފައެވެ. އެއާއެކު ދުނިޔޭގެ ސަމާލުކަން އޭނާ އަށް ހުއްޓި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާ އަށް ގޯސް ތުހުމަތުތަކެއް ކުރެވުނީތީ މައާފަށް ވެސް އެދިފައެވެ.

ވައިރަހަށް ލީ ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ރިޕޯޓުތައް ބުނާގޮތުން ލީގެ މައިންބަފައިން ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ހާލަތު އެނގިފައެއް ނުވެއެވެ.

ކޮރޯނާ ވައިރަހުގައި މިހާތަނަށް 600 އަށް ވުރެ ގިނަ މީހުން ޗައިނާ އިން މަރުވެފައިވާއިރު، މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 30،000 އަށް ވުރެ މައްޗަށް އަރާފައެވެ.