Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު ކޮރޯނާ ވައިރަސް

ވައިރަސްގެ އިންޒާރު ދިނުމުން އިދާރާތަކުން ދިނީ ބީރުކަންފަތެއް!

ޑރ. ލީ ވެންގލިއަންގ ވަނީ ވައިރަސް ޖެހި މަރުވެފައި. އޭނާ އަކީ ވައިރަހުގެ ނުރައްކާ އެންމެ ފުރަތަމަ ހިއްސާ ކުރި ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ޑޮކްޓަރެއް: ފޮޓޯ ޑރ. ލީ

މިހާރު ބޮޑު ބިރަކަށް ވެފައިވާ ކޮރޯނާ ވައިރަސްގެ ވާހަކަ އެންމެ ފުރަތަމަ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރި ޑޮކްޓަރު، ލީ ވެންލިއަންގ ގެ މަރާއެކު ގިނަ ބަޔަކު ހިތާމަކޮށް އިދާރާތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފިއެވެ.

ބައިނަލްއަގުވާމީ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި ސާސް ވައިރަހާ އެއްވަރުގެ ނުރައްކަލެއް ނޮވެލް ކޮރޯނާ ވައިރަހުން ވެސް ނިކުމެދާނެ ކަމަށް ބުނެ ލީ ދިން އިންޒާރުތަކަށް ކަމާ ބެހޭ އިދާރާތަކުން ފުރަތަމަ ދިނީ ބީރު ކަންފަތެކެވެ.

އަދި ލީ ދޮގު ހަބަރު ފަތުރާ ކަމަށާއި އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް ފުލުހުން އޭނާ ތަހުގީގު ވެސް ކުރިއެވެ.

ބީބީސީ އަށް ކިޔާދެމުން ލީގެ ބައްޕަ، ލީ ޝުންގ ވަނީ އޭނާގެ ދަރިފުޅު ދިން އިންޒާރުތައް އަޑު ނޭހުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް ބުނެފައެވެ. "އަހަރެންގެ ދަރިއަކީ ނުހަނު ރަނގަޅު ދަރިއެއް. އޭނާގެ ވާހަކަތައް ގަބޫލުނުކޮށް ދޮގު ހެދިކަމަށް ތުހުމަތު ކުރި، މިއަދު އޭނާގެ ވާހަކަތައް ހަގީގަތަކަށް ނުވޭތޯ؟" ބައްޕަ ބުނެފައިވެއެވެ.

ކޮރޯނާ ވައިރަސް ޖެހިގެން އެންމެ ފުރަތަމަ ބަލިމީހުން ބަލަމުން ދިޔަ ޑޮކްޓަރުންގެ ތެރޭގައި ލީ ވެސް ހިމެނެއެވެ. އޭނާ މަރުވެފައިވަނީ ބަލިމީހުންނަށް ފަރުވާ ދިނުމަށް ކުރި މަސައްކަތުގައި ވައިރަސް އަރައި، ފަރުވާ ހޯދަމުން ދަނިކޮށެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ އިން ކޮރޯނާ ވައިރަސް އަކީ މުޅި ދުނިޔެ އެއަށް ސަމާލުވާން ޖެހޭ ވައިރަސް އެއް ކަމަށް ކަނޑައެޅީ ދާދި ފަހުންނެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ތެރޭގައި މިވައިރަސްގެ ވާހަކަ ފުރަތަމަ ދެކެވެމުން ދިޔަ އިރު ޗައިނާ އިން ވަނީ ސީރިއަސް ކަމެއް ނޫން ކަމަށް ފުރަތަމަ ބުނެފައެވެ. ނަމަވެސް ފަސޭހަކަމާއެކު ގައިން ގަޔަށް އަރާ ވައިރަހެއް ކަން އެނގުމުން ޗައިނާ ސަރުކާރުން ވަނީ އޭގެ ނުރައްކާ ދުނިޔޭގެ ސަމާލު ކަމަށް ގެނެސްފައެވެ.