Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު ކޮރޯނާ ވައިރަސް

ފޯކައިދޫގައި 9 މީހަކު އެކަހެރިކޮށް، އެކަކު ކަރަންޓީނަށް ގެންދަނީ

ށ.ފޯކައިދޫގައި 9 މީހަކު ހޯމް އައިސޮލޭޝަންގައި އެބަތިބި ކަމަށާއި އަދި އެކަކު މިއަދުގެ ވަގުތެއްގައި ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު މަރުކަޒަށް ގެންދެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ފޯކައިދޫގައި 9 މީހަކު ހޯމް އައިސޮލޭޝަންގައި އެބަތިބި ކަމަށާއި އޭގެތެރެއިން އެކަކު މިއަދު ހަވީރު 4:00 ގައި ފަރުކޮޅުފުއްޓަށް ގެނެވޭނެ ކަމަށެވެ.

މީގެއިތުރުން ޅ.ހިންނަވަރުގައި ސެލްފް އައިސޮލޭޝަންގައި ހުރި މީހެއްގެ ސާމްޕަލް މިއަދު ހަވީރު ނަގާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަހަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ހަތަރު މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނާއި ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިއެކެވެ.

ސަރުކާރުން މިހާރު ވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓާއި، ބަތަލާ އައިލޭންޑް ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް ރާއްޖެއިން 63 ސާމްޕަލް އެއް ނެގި ޓެސްޓު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 49 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ.