Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް 19: އައްޑޫ އޮތީ ތައްޔާރަށް: އައްޑޫ ކައުންސިލް

މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް 19އަށް އައްޑޫ ސިޓީ ތައްޔާރުވެފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލް ބައްދަލުވުގައި ކައުންސިލަރަކު ކުރެއްވި ސުވާލަކާއި ގުޅިގެން އައްޑޫ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫ ސިޓީ މިހާރު އޮތީ މި ބައްޔާއި ގުޅިގެން ޕަބްލިކް ހެލްތުން އަންގުމާއި އެއްގޮތަށް ތައްޔާރަށް ކަމަށެވެ.

ސޯބެ ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން އައްޑޫ ސިޓީގައިވެސް ޓާސްކު ފޯސް ކޮމެޓީއެއް އެކުލަވާފައިވާ ކަމަށެވެ. މި ކޮމެޓީގައި ކައުންސިލްގެ ފަރާތުން މޭޔަރާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، ރަށްރަށުގެ ސިއްހީ މަރުކަޒު ތަކާއި، ޕަބްލިކް ހެލްތުގެ އޮފިޝަލުންގެ އިތުރުން ފުލުހާއި އެމްއެންޑީއެފްގެ ބޭފުޅުން ތިއްބަވާކަމަށެވެ.

ސޯބެ ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އައިސޮލޭޝަން ރޫމެއް ތައްޔާރުކޮށްފައިވާ އިރު ބައްޔަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕަބްލިކް ހެލްތުއިން ކޮވިޑާއި ގުޅިގެން ތައްޔާރުކޮށްފައިވާ އެސްއޯޕީތަކާއި އެއްގޮތަށް ހުރިހާ ކަމެއް ކުރިއަށްދާ ކަމަށެވެ.

ސޯބެ ވިދާޅުވީ އިއްޔެ ބޭއްވުނު ޓާސްކު ފޯސް މީޓިންގައި، އައްޑޫއަށް އަންނަ ޑޮމެސްޓިކް ފްލައިޓުތަކުން އަންނަ މީހުންނާއި އިންޓަނޭޝަނަލް ފްލައިޓުން އަންނަ މީހުންގެ ފާއިތުވި 14 ދުވަހުގެ ދަތުރު ހިސްޓްރީ ނަގަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން މޯލްޑިވިއަންއަށް ހުށަހަޅާފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ކޮވިޑް 19 އަށް ޕޮޒިޓިވްވި އިޓަލީ މީހާ މަޑުކުރި މާގިރި ހޮޓެލްގައި އޮތް ބައްދަލުވުމަކަށް ދިޔަ އައްޑޫ މީހަކު އަމިއްލައަށް އެކަހެރިވެގެން އެބަހުރިކަމަށާއި، އެމީހާ އެކަހެރިވެގެން ހުރީ އަމިއްލައަށް ކަމަށެވެ. އަދި އެމީހާއަކީ އެއްވެސް ގޮތަކަށް ބަލިވީ މީހާ އާއި ކޮންޓެކްޓު ވީ މީހެއް ނޫންކަމަށެވެ.

މީގެ އިތުރުންވެސް ރިސޯޓުތަކުން އައްޑޫއަށް އަންނަ މީހުން ބަލަމުން އަންނަ ކަމަށް ސޯބެ ވިދާޅުވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫ ތައްޔާރުވެފައިވާ މިންވަރާއި ގުޅޭ ގޮތުން ބައެއް އާއްމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.