Last Updated: April 26, 17:23
Friday, April 26, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ކޮވިޑް 19: ޖެކްމާ، 1.8 މިލިއަން ފޭސް މާސްކު ޔޫރަޕަށް ހަދިޔާކޮށްފި

މަޝްހޫރު އީކޮމާސް ޕްލެޓްފޯމް އަލީބާބާގެ ފައުންޑާ ޖެކްމާ ޔޫރަޕްއަށް 1.8 މިލިއަން ފޭސް މާސްކު ހަދިޔާކޮށްފިއެވެ.

ޗައިނާގެ ވޫހާންއިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ހަލުވިކަމާއި އެކު ފެތުރެމުން އަންނަ އިރު މިވަގުތު މި ބަލި އެންމެ ހަލުވި ކަމާއި އެކު ފެތުރެމުން އަންނަނީ ޔޫރަޕްގައެވެ. އެގޮތުން އިޓަލީގައި މި ބަލި ހަލުވިކަމާއި އެކު ފެތުރެމުން އަންނަނީ ޗައިނާގައި ބަލި ފެތުރުނު ސްޕީޑަށްވުރެ ބާރަށް ކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.

ޖެކްމާ ވަނީ ޔޫރަޕްގެ ގައުމުތައް މި ބަލިން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ކޮވިޑް 19ގެ އެއްލައްކަ ޓެސްޓު ކިޓުވެސް ޔޫރަޕަށް ހަދިޔާކޮށްފައެވެ. މިތަކެތި މިހާރު ވަނީ ބެލްޖިއަމްއަށް ގެންދެވިފައެވެ.

ކޮވިޑް 19ގައި އިއްޔެވެސް ވަނީ އިޓަލީން 168 މީހުން މަރުވެފައެވެ. އަދި 10،000އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު ބަލީގައި މިހާތަނަށް 631 މީހުން ވަނީ މަރުވެފައެވެ. އިޓަލީ ސަރުކާރުން މިހާރުވަނީ އެގައުމުގެ 60 މިލިއަން މީހުން ލޮކްޑައުންކޮށްފައެވެ.

ޖެކްމާވަނީ ކޮވިޑް 19އަށް ވެކްސިން ހޯދުމަށް ސައިންސުވެރިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން 14 މިލިއަން ޑޮލަރު ހަދިޔާކޮށްފައެވެ.