Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް-19: ސައުތު ކޮރެއާއިން ބަލި ޖެހޭ މީހުންނަށް ވުރެ ފަސޭހަވާ މީހުން ގިނަ!

ސައުތު ކޮރެއާއިން ކޮވިޑް-19 ޖެހިގެން ރިޕޯޓު ކުރާ މީހުންނަށްވުރެ ބަލިން ފަސޭހަވާ މީހުން ގިނަކަމަށް އެގައުމުން ބުނެފިއެވެ.

ކޮރެއާ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑު ޕްރިވެންޝަން (ކޭސީޑީސީ) އިން ބުނީ މިއަދު އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 107 މީހަކު ކަމަށެވެ. އިއްޔެ އެގައުމުން ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ 110 މީހުން ކަމަށްވެސް ކޭސީޑީސީން ވަނީ ބުނެފައެވެ.

ކޭސީޑީސީން ބުނެފައިވާ ގޮތުގައި އެގައުމުން ބަލިން ފަސޭހަވެ ގެއަށް ދޫކުރާ މީހުންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް ބަލިން ފަސޭހަވެގެން 207 މީހަކު ވަނީ ހޮސްޕިޓަލް ތަކުން ދޫކޮށްލާފައެވެ.

ކޮރެއާގެ އެކި ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް އެގައުމުގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8,086އަށް އަރައެވެ. އެގައުމުން މިހާތަނަށް މި ބަލީގައި މަރުވެފައިވަނީ އެންމެ 72 މީހެކެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު މި ވައިރަސް ޗައިނާ ފިޔަވައި ދެން އެންމެ ބާރަށް ފެތުރެން ފެށި އެއްްގައުމަކީ ސައުތު ކޮރެއާއެވެ. ނަމަވެސް ބަލި ފެތުރުން އެގައުމުން ވަނީ ވަރަށް އަވަހަށް ކޮންޓްރޯލް ކޮށްފައެވެ.

އޭޝިއާގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދެއް އޮންނަ ކޮރެއާއިން މި ބަލީގެ އަސަރު ހުރި މީހަކު އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ޗައިނާ ފިޔަވައި އެންމެ ގިނަވެގެން ދިޔައީ ސައުތު ކޮރެެއާގައެވެ. އެއާއި އެކު ކޮރެއާ ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.

ކޭސީޑީސީން ބުނީ އިއްޔެ އާއި މިއަދު ބަލި ޖެހިގެން ރިޕޯޓު ކުރި އަދަދަށް ބަލާއިރު އެގައުމުން ބަލި ކޮންޓްރޯލް ވާން ފަށާފައިވާކަމަށެވެ. އަދި ބަލިން ފަސޭހަވާ މީހުން އިތުރުވުމާއި އެކު މި ބަލިމަޑުކަމުން އަރައިގަތުމަށް އެެގައުމަށް ވަނީ އުއްމީދުތަކެއް ލިބިފައެވެ.