Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ކޮވިޑް-19: އިންޑިއާގެ ބިލިއަނެއްހާ ރައްޔިތުން ގޭ ބަންދުގައި!

ކޮވިޑް-19 އާއި ގުޅިގެން އަވައްޓެރި އިންޑިއާގެ ބިލިއަނެއްހާ ރައްޔިތުން 14 ގަޑިއިރަށް ގޭބަންދުވެއްޖެއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެންގުމަށް މުޅި އިންޑިއާ ވަނީ 14 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. އެގޮތުން މިއަދު ހެނދުނު 7 އިން މިރޭ 9 ޖެހުމާއި ހަމައަށް އެގައުމުގެ އެއްވެސް ރައްޔިތަކު ގެއިން ބޭރަށް ނުނިކުތުމަށް މޯދީ ވަނީ އަންގާފައެވެ.

މުޅި އިންޑިއާއަށް ކާފިއު އިއްލާން ކުރަމުން މޯދީ ވިދާޅުވީ މިއީ އިންޑިއާ ރައްޔިތުން ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާ ފިޔަވަލުތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ކުރާ ކަމެއް ކަަމަށެެވެ.

14 ގަޑިއިރަށް ކާފިއު ހިންގާފައިވާ އިރު ބައެއް ސްޓޭޓު ތަކުން މިހާރު ވަނީ ކާފިއު އިތުރު ކުރުމަށްވެސް ނިންމާފައެވެ. އެގޮތުން މާދަމާ ރޭގެ ނިޔަލަށް ކާފިއު އިތުރު ކުރުމަށް ބައެއް ސްޓޭޓްއިން ވަނީ ނިންމާފައެވެ.

މޯދީގެ އެންގުމާއި ގުޅިގެން ބައިބޯ އިންޑިއާގެ މަގުތަކުން މިއަދު ފެންނަނީ ހަމަހިމޭންކަމެވެ. މީހުން މަގުމައްޗަށް ނިކުތުން ހުއްޓުވުމަށް އިންޑިއާގެ އެކި ހިސާބުތަކަށް ސިފައިން ވަނީ ނެރެފައެވެ.

މި ނިންމުމާއި ގުޅިގެން ރެއިލް ދަތުރުތަކާއި ޕްބަލިކް ޓްރާންސްޕޯޓު ވަނީ ހުއްޓާލާފައެވެ. ރެއިލް ދަތުރުތައް ވަނީ މިމަހުގެ 31 ވަނަ ދުވަހާއި ހަމައަށް މެދު ކަނޑާލާފައެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 އަށް 324 މީހުން ޕޮޒިޓިވް ވެފައިވާ އިރު ބަލިޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއިން އަޅަމުންދާ ފިޔަވަޅުތައް ދޯދިޔާވުމުގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.