Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް-19: އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު 415 އަށް!

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 415 އަށް އަރައިފިއެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން މިއަދު ހާމަކޮށްފައިވާ ގޮތުގައި އެގައުމުގައި މިއަދާއި ހަމައަށް ކޮވިޑް- 19 ވަނީ 415 މީހަކަށް ޖެހިފައެވެ. އަދި މިހާތަނަށް މި ބަލީގައި އެގައުމުން ވަނީ 7 މީހަކު މަރުވެފައެވެ. އޭގެ ތެރޭގައި އެގައުމަށް ޒިޔާރަތް ކުރި 68 އަހަރުގެ އިންޑޮނޭޝިއާ މީހެއްވެސް ހިމެނެއެވެ.

ކޮވިޑް-19 އަށް އިންޑިއާއިން މިހާތަނަށް 18,383 މީހުން ވަނީ ޓެސްޓުކޮށްފައެވެ.

އިންޑިއަން މެޑިކަލް ކައުންސިލުން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އިއްޔެ އިންޑިއާގައި ވަނީ 14 ގަޑިއިރަށް ކާފިއު އިއްލާންކޮށްފައެވެ. އިއްޔެ ހެނދުނު 7 އިން ރޭގަނޑު 9 ޖެހުމާއި ހަމައަށް ގެއިން ބޭރަށް ނުކުތުން މަނާ ކުރި ނަމަވެސް އެންގުމާއި ހިލާފަށް ގިނަ ބަޔަކު ވަނީ ބޭރަށް ނިކުމެފައެވެ. މިކަމާއި ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާގެ ބައެއް މީހުން ބައްޔާއި މެދު ސީރިއަސް ނޫން ކަމަށެވެ.

މިހާތަނަށް އިންޑިއާގެ 22 ސްޓޭޓަކާއި 82 ޑިސްޓްރިކްޓަކުން ބަލި ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް އެގައުމުގެ އެންމެ ބޮޑު ދަތުރުފަތުރުގެ ނިޒާމުކަމަށްވާ ރޭލްވޭ ދަތުރުތައް ވަނީ މި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ބަންދުކޮށްފައެވެ. އަދި ބައެއް ސްޓޭޓު ތަކުގައި ދަނީ ކާފިއު ހިންގަމުންނެވެ.

މީގެ އިތުރުން ސަރުކާރުން އަންގާ އެންގުންތަކާއި ހިލާފުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ބައެއް ސްޓޭޓު ތަކުން ދަނީ އަންގަމުންނެވެ.