Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް-19: ކެރެލާއިން ބަލިޖެހިފައިވާ 95 މީހަކު ފެނިއްޖެ

ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އިންޑިއާގެ ކެރެލާ ސްޓޭޓުން ކޮވިޑް-19 ޖެހިފައިވާ 95 މީހަކު ފެނިއްޖެއެވެ.

ކެރެލާ ސްޓޭޓުގެ ޗީފު މިނިސްޓަރ ޕިނަރައި ވިޖަޔަން ވިދާޅުވީ އެ ސްޓޭޓުން އާ 24 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު އެސްޓޭޓުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު 95އަށް އަރާފައިވާކަމަށެވެ.

ކެރެލާއިން ކޮވިޑް-19 ޖެހިފައިވާ އާ ބަޔަކު ފެނިފައިވާ އިރު އެ ސްޓޭޓުވަނީ ލޮކްޑައުންކޮށްފައެވެ. އެއާއި އެކު އެއްގަމު ދަތުރުފަތުރާއި، ޕަބްލިކް ޓްރާންސްޕޯޓު ވަނީ ހުއްޓާލާފައެވެ.

އިންޑިއާއިން ބަލި ކޮންޓްރޯލް ކުރުމަށް މިރޭ 12 އިން ފެށިގެން އެތެރޭގެ އުދުހުންތައްވެސް ވަނީ ހުއްޓާލަން ނިންމާފައެވެ. މީގެ އިތުުރުން ކެރެލާ ސްޓޭޓުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި، ނަރުހުން ހޮސްޕިޓަލާއި ކައިރި ސަރަހައްދަކަށް ބަދަލުވުމަށާއި، އެ ބޭފުޅުން ތިބޭނެ ތަން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަދި ކާރިސާއަށް ތައްޔާރުވުމުގެ ގޮތުން ހޮސްޕިޓަލްތަކުގައި އެނދު އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ކެރެލާ ސްޓޭޓުން ވަނީ ޑޮކްޓަރުންނާއި، ނަރުހުންގެ ކެއުމާއި، އެކޮމޮޑޭޝަން ސަރުކާރުގެ ހަރަދުގައި ދިނުމަށްވެސް ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެގައުމުން މިހާތަނަށް 495 މީހަކު ޕޮޒިޓިވްވެފައިވާ އިރު 7 މީހަކު ވަނީ މަރުވެފައެެވެ.