Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު ކޮރޯނާ ވައިރަސް

އަދަދުތައް އިތުރުވެދާނެ، ރައްކާތެރިކަމަށް ސަމާލުވޭ: އަމީން

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ ކަމަށާއި، ކުރާ ކޮންމެ ކަމެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރު އަމީން "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު ރާއްޖެ މިއޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި މިހާރު ފެންނަ އަދަދުތައް އަދިވެސް އިތުރުވެގެންދާނެ ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި އެގޮތަށް އިތުރު ވެގެންދާއިރު އެންމެ މުހިއްމު ސަމާލުކަމެއް ދޭންވީ ގޭގައި ތިބުމަށް ކަމަށާއި އަތޮޅުތެރޭގައި ދެވިފައިވާ އިރުޝާދުތަކަށް ވެސް ބޯލެނބުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މުޅި އާބާދީ ގިނަ ދުވަސްތަކެއް ވަންދެން ގެއިން ނުނިކުމެ ތިބެންޖެހިފައިވާ ހާލަތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ މި ހާލަތުގައި ގޭގައި ތިބޭއިރު ދިމާވާނެ ދަތިތަކެއް ވެސް އެބަހުރި ކަމަށާއި ނަމަވެސް މި ދަތިތަކުން ފަސޭހަކަން ލިބިގަތުމަށް ކުރާ ކޮންމެ ކަމެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުން މުހިއްމު ކަމަށް ވިދާޅުވެފައެވެ.

"އެއީ ފިހާރައަކަށް ދާން ލިބޭ ވަގުތުގައި ފިހާރައަކަށް ދާއިރު، ފަރުދީ ގޮތުން އެމީހާ ރައްކާތެރިވުމަށްޓަކައި ބަހައްޓަންޖެހޭ ދުރުމިނާއި، ދެން އަމަލުކުރަންވީ ކަންތައްތަކަށް އަމަލުކުރުން. އެއީ މިވަގުތުގެ އެންމެ މުހިއްމު ކަމަކީ" އަމީން ވިދާޅުވިއެވެ.

މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެން ފަށާފައިވާއިރު މި ވަގުތު އެންމެ މުހިއްމު މަސައްކަތަކީ ބަލި ފެތުރޭ ނިސްބަތް ލަސްކުރުން ކަމަށްވެސް އަމީން ވިދާޅުވިއެވެ. އެގޮތުން ބައްޔަށް މީހަކު ޕޮޒިޓިވްވުމާ އެކު އެމީހަކާ އެންމެ ކައިރިން ބައްދަލުވި މީހުން އަމިއްލަ އަށް ނަގަންޖެހޭ ފިޔަވަޅުތަކެއް އެޅުމަކީ މި ބަލި ފެތުރުން ލަސްކުރުމުގެ އެންމެ އަސާސީ ކަންތައްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މާލެއިން ޕޮޒިޓިވް ކޭސްއެއް ފެނުމުގެ މާކުރިން ވެސް ގޭގައި ތިބުމަށާއި، އެކަހެރި ވުމަށާއި، ދުރުމިން ބެހެއްޓުމަށާއި މިކަންތައްތަކަށް އިރުޝާދު ދިނީ މި ސަބަބަށްޓަކައި. މިއީ ނާޒުކު ވަގުތެއް. އުނދަގޫ ވަގުތެއް މިއީ. މި ހާލަތުގައި މި މަގުން ކަން ކުރުން ވަރަށް މުހިއްމު" އަމީން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 69 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 30 ދިވެހިނާއި 39 ބިދޭސީންނެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.