Last Updated: April 19, 13:47
Friday, April 19, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ކޮންމެ މީހެއްގެ ފުރާނަވެސް އަގުހުރި، ގައުމުތައް އެއްބައިވޭ

ކޮންމެ މީހެއްގެ ފުރާނަ ވެސް އަގުހުރި ކަމަށާއި މިއީ ހުރިހާ ގައުމުތަކެއް ވެސް އެއްބައިވަންތަ ވާންވީ ވަގުތު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރެޔުސެސް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތީ ކުރިއަށް ކަމަށާއި ހުރިހާ ގައުމުތަކެއް ވެސް ގުޅިގެން މި ބަލިން ރައްކާތެރިވެވޭނެ ގޮތެއް ހޯދުން މުހިއްމު ކަމަށެވެ.

މި ބަލީގެ ކުރީކޮޅު ކުރިއަރާފައިވާ ގައުމުތަކަށް ވެސް މިކަމުގެ ނުރައްކަލާއި ގުޅޭ އިންޒާރު ދީފައިވާނެ ކަމަށާއި މި ބަލީގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވުމަކީ ސީރިއަސް ކަމެއް ކަމަށްވެސް ޓެޑްރޯސް ވިދާޅުވިއެވެ.

"މި ވައިރަސް އަކީ ތަރައްގީ ވެފައިވާ ގައުމުތަކަށް ވެސް ހައިރާންކަން ގެނުވާނެ ވައިރަސް އެކޭ އަހަރުމެން ބުނިން. އެކަން ވީ ވެސް އެގޮތަށް. ދެން އިތުރު ހައިރާންކަން ލިބޭ ފަދަ ކަންކަން ހުއްޓުވަމާ ހިނގާ. މި ބަލިމަޑުކަމަށް ނިމުމެއް ގެންނަން ހިނގާ. އެތައް ބަޔަކު މަރުވުމަކީ ސީރިއަސް ކަމެއް. ކޮންމެ މީހެއްގެ ފުރާނައަކީ ވެސް އަގުހުރި އެއްޗެއް" ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ ގައުމުތައް އެއްބައިވެ އަދި ހުރިހާ ގައުމަކުން ވެސް މި ވައިރަސްއަކީ އެންމެ ބޮޑު ދުޝްމިން ކަމަށް ހަދައިގެން މަސައްކަތްކޮށްފިނަމަ މިކަމުން އަރައިގަނެވޭނެ ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ޕޮއިންޓުތައް ހޯދަން މަސައްކަތް ކުރަންވީ ވަގުތެއް ނޫން ކަމަށާއި އެއީ އަލިފާނާއި ކުޅުން ފަދަ ކަމެއް ކަމަށްވެސް ޓެޑްރޯސް ވިދާޅުވިއެވެ.

"އެންމެން އެކުގައި މަސައްކަތްކޮށްދީ. މި ބަލިމަޑުކަން އަހަރުމެން އެންމެންނަށް ވެސް އެބަފެނޭ. މުޅި ދުނިޔެ އެއްބައިވަންތަވެ، ތެދުވެރިކަމާއެކު ގައުމުތަކުގެ މެދުގައި ވެސް އެއްބައިވަންތަކަން ގާއިމުކުރަންޖެހޭ. ސިޔާސީ ކަންކަމުގެ ސަބަބުން މި ބަލިމަޑުކަން އިތުރަށް ގޯސްވެދާނެ" ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19 ގައި މުޅި ދުނިޔެއިން މިހާތަނަށް އެއް ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބައްޔަށް 2.4 މިލިއަން މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.