Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު ކޮރޯނާ ވައިރަސް

މާލެއިން އަނެއްކާވެސް 13 މީހަކު ޕޮޒިޓިވްވެއްޖެ

* އަލަށް ޕޮޒިޓިވްވީ 8 ދިވެހިންނާއި، 5 ބަންގްލަދޭޝް މީހުން
* މާލެއިން ބަލި ޖެހުނު މީހުންގެ އަދަދު 62

ކޮވިޑް19 އަށް މާލެއިން އިތުރު 13 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދުގެ މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 8 ދިވެހިންނާއި ފަސް ބިދޭސީއަކު ހިމެނޭ ކަމަށެވެ. އަދި އެމީހުންނާއި އެކު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 62އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދު މާލެއިން ޕޮޒިޓިވްވި 13 މީހުންނާއި އެކު މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 82އަށް އަރާފައެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު މާލެއިން ކޮވިޑް19 ފެނުމާއިއެކު ގިނަ އަދަދެއްގެ ބަޔަކަށް މިބަލި އަންނަނީ ޖެހެމުންނެވެ. ނަމަވެސް އެޗްޕީއޭ އިން ބުނީ އަދި މިހާތަނަށް އެއްވެސް މީހެއްގެ ހާލަތު ގޯސްވެގެން ނުދާ ކަމަށާއި އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ ހާލަތަކަށް އެއްވެސް މީހަކު ނުދާ ކަމަށެވެ.

ރާއްޖެއިން މި ބައްޔަށް ޖުމްލަ 82 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 16 މީހަކު ވަނީ ބަލިންވެސް ރަނގަޅުވެފައެވެ.