Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު ކޮރޯނާ ވައިރަސް

މިހާތަނަށް 209 މީހަކު ޖޫރިމަނާކޮށްފި

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮއްވައި ހުއްދަ ނެތި މަގުމަތީގައި މިހާތަނަށް އުޅުނު 209 މީހަކު ޖޫރިމަނާކޮށްފިއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިއަދު އެކަނި ވެސް އެގޮތަށް އުޅުނު 39 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ޖޫރިމަނާކުރުމުން ވެސް މަގުމަތީގައި އުޅެނިކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ.

މިގޮތަށް ޖޫރިމަނާ ކުރެވޭ ފަރާތްތައް ޖޫރިމަނާ ކުރަން ނިންމާފައިވަނީ 1،000 ރުފިޔާ އިންނެވެ.

މާލެއިން ކޮވިޑް-19 އަށް މީހުންތަކެއް ޕޮޒިޓިވް ވަމުންދާތީ ސަރުކާރުން ވަނީ 14 ދުވަހުގެ މުއްދަތަކަށް މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ. އެ ހާލަތުގައި މަގުތަކަށް ނިކުމެ އުޅޭ މީހުންނަށް ދެން ނަސޭހަތެއް ނުދޭނެ ކަމަށާއި ދެން ވަގުތުން ކުރާނީ ޖޫރިމަނާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް ބޭނުންވާ ކަމަށް ފުލުހުން ވަނީ އެދިފައެވެ.