Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޭސްތައް ފެންނަން ފަށައިފިނަމަ އަތޮޅުތެރެ ވެސް ހަލުވިކަމާއެކު ޕީކަށް ދާނެ

ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތައް ފެންނަން ފަށައިފިނަމަ އަތޮޅުތެރެ ވެސް ހަލުވިކަމާއެކު ޕީކަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިހެން ބުނެފައިވާއިރު މާލެއިން ކޮމިއުނިޓީ ކޭސްތަކެއް ފެނުމާއެކު މީގެ ކުރިން ރާއްޖެއަށް ހަދާފައިވާ މޮޑެލިން އަލުން ވަނީ ތައްޔާރުކޮށްފައެވެ. އޭގެން ދައްކާ ގޮތުން ފުރަތަމަ ކޭސްއެއް އުޅޭތާ 14 ދުވަސް ތެރޭ މާލެ ޕީކަށް ދާނެ ކަމަށް ބެލެވެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އަތޮޅުތެރެއިން ވެސް ކޭސްތައް ފެންނަން ފަށައިފިނަމަ ވަރަށް ހަލުވިކަމާއެކު ޕީކަށް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ލޮކްޑައުންގެ ކަންކަން މާލޭގައި ތަންކޮޅެއް ވަރުގަދަކޮށް ގެންދެވުނު ނަމަވެސް މުޅި ރާއްޖެ އިން ކޭސްތައް ފެންނަން ފަށައިފިނަމަ އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.

"އަތޮޅުތެރެއަށް ފެތުރިއްޖެނަމަ އަދި އިތުރު އަދަދުތަކަށް ދިޔުން އެކަށީގެންވޭ" ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވާނެކަން ފާހަގަކުރައްވަމުން ޑރ.އަފްޒަލް ވިދާޅުވިއެވެ.

އަތޮޅުތެރެއަށް މި ބަލި ފެތުރި ހާލަތު ގޯސްވެއްޖެނަމަ ރާއްޖޭގައި ލިބެން ހުރި ވަސީލަތްތައް އަތޮޅުތެރެއަށް ވެސް ފޮނުވާނެ ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި، ނަރުހުން އަދި ތަމްރީނު ލިބިފައި ނެތް ފަރާތްތަކަށް އަވަސް ތަމްރީނުތަކެއް ދިނުމަށްފަހު ވެސް ފޮނުވާނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

މިހާތަނަށް އަތޮޅުތެރެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ. އެއީ މާލެ އިން ހއ.އުލިގަމަށް ދިޔަ ދިވެއްސެކެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 84 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 39 ދިވެހިންނާއި 45 ބިދޭސީންނެވެ. އަދި 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.