Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ކޮރޯނާ ވައިރަސް

އިދިކޮޅުން އުއްމީދު ކުރި ވަރަށް ކޮވިޑްގައި ރާއްޖެއިން މީހުން މަރެއް ނުވި

މުހައްމަދު ޝިފާއު - ފޮޓޯ: މަޖިލިސް

އިދިކޮޅު ފަރާތްތަކުން އުއްމީދު ކުރި ވަރަށް ކޮވިޑް-19 ގައި ރާއްޖެއިން މީހުން މަރުނުވި ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ ކޮވިޑް-19 ގެ މި ހާލަތުގައި ބައެއް ފަރާތްތަކުން ސިޔާސީ ފައިދާ ނަގަން އުޅުނު ނަމަވެސް ސަރުކާރުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން އެ ފަރާތްތަކުން އިންތިޒާރު ކުރަމުންދާ ވަގުތު ނާންނަތަން ކަމަށެވެ.

އަދި ސަރުކާރާއި އިދިކޮޅު ފަރާތްތަތަކުން އިންތިޒާރު ކުރަމުން އައީ ކޮވިޑް-19 އާއި ގުޅިގެން މުޅިން އެހެން ހާލަތަކަށް ކަމަށާއި ނަމަވެސް ސަރުކާރުން ކުރަމުން އަންނަ ބުރަ މަސައްކަތަކާއެކު އެ ފަރާތްތަކުން އުއްމީދު ކުރި ވަރަކަށް ރާއްޖޭގައި ކޮވިޑް ފެތުރިގެން ނުދިޔަ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

"ދުވާފަރު ދާއިރާގެ މެމްބަރު ވެސް ފާހަގަކުރެއްވި ފަދައިން އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތައް، ވާދަވެރި ފަރާތްތައް އިންތިޒާރު ކުރަމުން އައީ ކޮވިޑް-19 އާއި ގުޅިގެން މުޅިން އެހެން ހާލަތަކަށް. މުޅިން އެހެން ކަންތައްތަކަކަށް. އެހެން ނަމަވެސް މާތްﷲ ގެ ވާގިފުޅާއި ސަރުކާރުން މިކުރާ ބުރަ މަސައްކަތާއެކު އެ ބޭފުޅުން އުއްމީދު ކުރި ވަރަކަށް ރާއްޖޭގައި ކޮވިޑް-19 ފެތުރިގެނެއް ވެސް ނުދިޔަ. ރާއްޖޭގައި މި ބަލީގެ ސަބަބުން ދުނިޔެ ދޫކުރި މީހުންގެ އަދަދުތައް ވެސް އެ ބޭފުޅުން (އިދިކޮޅު) އުއްމީދު ކުރި ވަރަކަށް ނުދިޔަ" ޝިފާއު ވިދާޅުވިއެވެ.

މި ކަންކަން މިގޮތަށް ދިޔުމުން އިދިކޮޅު ފަރާތްތަކުން ރޭވުންތައް މުޅިން ބަދަލުކުރަން ޖެހިފައިވާ ކަމަށާއި އެގޮތުން ޕްލޭން ބީ އަދި ސީ އަށް ދާން ޖެހިފައިވާ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

ޝިފާއުގެ މި ވާހަކަތަކާ ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް އެދޭނީ ރާއްޖޭގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ފުރާނަ ނެތިކޮށްލާ ފަދަ މާނައެއް އެކުލެވޭ ގޮތަށް ވާހަކަދައްކަވާތީ އެކަން ސަމާލުކަމަށް ގެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދިވެހި ރައްޔިތެއްގެ ފުރާނައަށް ގެއްލުމެއް ދޭން އެދޭނެ އެއްވެސް މެމްބަރަކު މަޖިލީހުގައި އިންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.