Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު ޕީޕީއެމް

"ރިހާކުރުފުޅި ވަގަށްނެގި މީހާގެ މައްޗަށް ހެކި ސާބިތުކުރަންވެސް އަދީބާއި ޒިޔަތު"

ޕީއެންސީ އިބްރާހިމް ޝުޖާއު
ފޮޓޯ: ޕީޕީއެމް

ކޮންމެ މީހަކު ކުށެއް ކުރިނަމަވެސް އެ ކުށް ސާބިތު ކުރުމަށް މިހާރު ގެންނަ ހެކިންނަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތް ކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ސަރުކާރަށް ފާޑުވިދާޅުވެެއްޖެ އެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މާލެއާއި ހއ. ކެލާގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، މި ސަރުކާރުން ގެނެސްފައިވާ އިންސާފަކީ ކޮންމެ ކަމެއް ކޮށްގެންވެސް ކުށްވެރިވާ މީހަކާއި ދެކޮޅަށް ބޭނުންކުރާ ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތް ބޭނުންކުރުން ކަމަށެވެ. އަދި މިސަރުކާރުން އިންސާފު ގާއިމުކުރުމުގައި ފެއިލް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރުން ގެނަ އިންސާފުގެ ތިލަފަތަކީ މާރުކޭޓު ގޮޅިން ރިހާކުރުފުޅި ވަގަށްނަގާ މީހާއަށް ހެކި ސާބިތުކުރަންވެސް މި ގެންނަނީ އަދީބާއި ޒިޔަތާ. ދޮންކެޔޮ ގަނޑު ވަގަށްނަގާ މީހާގެ މައްޗަށް އެ ކުށް ސާބިތުކުރަންވެސް ގެންނަނީ އަދީބާއި ޒިޔަތު."

ޝުޖާއު ވަނީ މިހާރު ރައީސް ޔާމީނާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ހެކިވެރިންގެ ގޮތުގައި އަދީބާއި ޒިޔަތު ހިމަނަންޖެހޭ އެއްވެސް ސަބަބެއް އޮތްތޯ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވާ ނައިބު ރައީސް އަދީބު ގޭގައި ހުރިއިރު، ޒިޔަތު ޖަލުގައި އޮތީ މިހާރު ރައީސް ޔާމީނާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ނުދީފާނެކަމުގެ ބިރަށްޓަކާ ކަމަށް ޝުޖާއު ތުހުމަތު ކުރެއްވި އެވެ. އަދި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސްދޭއިރަށް ޒިޔަތުވެސް ގެޔަސް ބަދަލުކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"މިއީ ކޮން އިންސާފެއްތޯ؟ ސަދޫމަށްވުރެވެސް ގޯހީ ނޫންތޯ؟"

މީގެ އިތުރުން ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ރައީސް ޔާމީން މިހާރު ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ އެންމެ ކަމަކަށް ކަމަށާއި، އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ވޯޓު ލުންކަމަށެވެ.